Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

އައްޑޫން ޕީއެންސީ އަށް އިތުރު 500 މީހަކު

އައްޑޫން އަލަށް 500 އެއްހާ މީހުން ޕީއެންސީއާ ގުޅިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ވެރިކަން ކުރާ ޕާޓީން ބުނީ އައްޑޫން ޕާޓީއާ ގުޅުނު މީހުންގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ހިތަދޫ އުތުރު ދާއިރާ އަށް ނިސްބަތްވާ މީހުން ކަމަށެވެ.

ޕީއެންސީގެ ޓިކެޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނު ހިސާބުން ފެށިގެން އެ ޕާޓީ އަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް އަންނަނީ ކުރަމުންނެވެ. އަމާޒަކީ ވީހާ ވެސް އަވަހަކަށް މެންބަރުންގެ އަދަދު 10،000 އަށް އެރުވުމެވެ.

އައްޑޫ ހިތަދޫން ގިނަ ބަޔަކު ޕީއެންސީއާ އަލަށް ގުޅުނު އިރު، މިދިޔަ މަހުގެ ތެރޭގައި އެ ޕީޕީއެމް/ޕީއެންސީގެ ޓީމެއް އައްޑު އަށް ކުރި ދަތުރުގެ ތެރޭގައި އައްޑޫގެ އެކި އަވަށްތަކުން ޕީއެންސީއާ އަލަށް މީހުން ގުޅިފައިވެ އެވެ. އޭގެ ތެރޭގައި މަރަދޫގެ ކުރީގެ ކައުންސިލަރު އިބްރާހީމް ފައިސަލް ވެސް ހިމެނެ އެވެ.

ޕީއެންސީ އަށް އައްޑޫން އިތުރު 500 މީހަކު ސޮއިކުރި އިރު، އެ ޕާޓޫއާ އަލަށް ގުޅުނު 950 މެމްބަރުންގެ ފޯމު ލިބިފައިވާ ކަމަށެ ޕީއެންސީން އިއްޔެ ބުނެފައި އެވެ. އޭގެ ތެރޭގައި ތ. ކިނބިދޫ އިން ޕީއެންސީއާ ގުޅުނު 150 މީހުންނާއި ގދ. ތިނަދޫން ގުޅުނު 200 މީހަކު ވެސް ހިމެނެ އެވެ.

ޕީއެންސީ އަށް ދާދި ފަހުން ލ. އަތޮޅުން ވެސް 600 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ.