އައްޑޫ ހިތަދޫ މަސްމާރުކޭޓެއް ހަދަން ނިންމާފައިވާތީ އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 27 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ.
ރަޖިސްޓްރީ ވާނީ އެދޭ ފަރާތުގެ ނަމާއި އެޑްރެހުގެ އިތުރުން ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް މި މެއިލަށް ފޮނުވަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
ކައުންސިލުން ބުނީ ހިތަދޫ މަސްމާރުކޭޓް ހަދަން ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 7،800ރ. ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ.
ހިތަދޫގައި މަސްމާރުކޭޓެއް ހަދަން ބީލަމަށް ހުޅުވައިލި އިރު، އެ އަވަށު ބަނދަރުމަތީގައި ކުރިން ވެސް މަސްމާރުކޭޓެއް ހިންގި އެވެ. އަދި މިދިޔަ އަހަރު ހިތަދޫގައި ވަގުތީ މަސްމާރުކޭޓެއް ހަދަން ވެސް ކައުންސިލުން ނިންމި އެވެ. އޭރު ބުނެފައި ވަނީ ވަގުތީ މަސް މާރުކޭޓަކީ ހިތަދޫ ބަނދަރުގެ މަސައްކަތް ނިމި، ހާބާ ކޮމްޕްލެކްސްއެއް ގާއިމުކުރެވެންދެން ބޭނުން ކުރަން ހަދާ ތަނެއް ކަމަށެވެ.
ވަގުތީ މަސް މާރުކޭޓް ހަދަން ގާތްގަނޑަކަށް ކައުންސިލުގެ ބަޖެޓުން 100،000ރ. ގެ ބަޖެޓެއް ވެސް ކަނޑައެޅި އެވެ.