Last Updated: November 30, 09:20
Saturday, November 30, 2024
ޚަބަރު

ފަލަސްތީނަށް ފަންނާނުންގެ ފަރާތުން 600،000ރ.

ފަލަސްތީނަށް އެހީވާން ރާއްޖޭގެ ފަންނާނުން "އިންސާނިއްޔަތަކަށްޓަކައި" ގެ ނަމުގައި މިދިޔަ މަހު ހިންގި ހަރަކާތްތަތަކުން ލިބުނު 600،000 އަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފި އެވެ.

ރޭ ބޭއްވި ހަފުލާއެއްގައި އެހީ ހަވާލުކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މޯލްޑިވްސްއާ އެވެ. އެގޮތުން ހަރަކާތްތަކުން ލިބުނު ޖުމްލަ 685،651.90ރ. ގެ ރަޒްމީ ޗެކް އެ ޖަމާއަތާ ހަވާލުކޮށްފައިވެ އެވެ.

މިދިޔަ މަހުގެ 27 އިން މި މަހުގެ 3 އަށް ކުރިއަށް ގެންދިޔަ "އިންސާނިއްތަށްޓަކައި" ހަރަކާތުގެ ތެރޭގައި ފަންޑް ހޯދަން ކުޑަކުދިންގެ ހަވީރުތަކާއި ޖަމްބަލް ސޭލްތަކާއި މަސް ދަތުރުތަކާއި ފަންނާނުން ތަންތަނަށް ގޮސް ތަފާތު އެކި ކަހަލަ މަސައްކަތްކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ފަަލަސްތީނަށް އެހީވާން މިހާތަނަށް އެކި ރާއްޖޭގެ އެކި ހިސާބުތަކުން ތިން ޖަމިއްޔާއަކަށް އެކި އަދަދުތަކުން ފައިސާ ހަވާލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އައިއޭސީ އާއި ދިވެހި ރެޑް ކްރެސެންޓް އަދި ހިދުމަތް ޖަމިއްޔާ ހިމެނެ އެވެ.

ފަލަސްތީނަށް އެހީވާން ފަންޑް ހޯދަން އެކި ފެންވަރުގައި ހަރަކާތްތައް ބާއްވަން ފެށުނީ މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ، ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 14،000 އަށް އަރަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.