މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް މާލޭގައި ކުރިއަށް ގެންދިއުމަށް ރައިސުލްޖުމުހޫއްރީއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް ޑރ. މުއިއްޒު މިގޮތަށް ނިންމަވާފައިވާ ކަން ފިޝަރީޒް މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ ފާހަގަ ކުރާ 43 ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ރާވަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
43 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭގައި ބޭއްވުމަށް
ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި. މި އަހަރުވެސް މަސްވެރިންގެ ދުވަހާ
ގުޅިގެން ތަފާތު ޙަރަކާތްތައް މިނިސްޓްރީން ދަނީ ރާވަމުން. pic.twitter.com/rM85yHzk4P— Ministry of Fisheries and Ocean Resources (@MFORmv) November 23, 2023
އެގޮތުން މިއަހަރު މަސްވެރިންގެ ދުވަހު ދޭން ހަމަޖެހިފައިވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހުގެ މެނދުރު 12:00 ޖެހުމާއި ހަމައަށެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަ ކުރާ މަސްވެރިންގެ ދުވަހެވެ. މި ދުވަސް މިދިޔަ އަހަރު ފާހަގަ ކޮށްފައިވަނީ ގ.ދ ފަރެސްމާތޮޑާގައި އެވެ. މަސްވެރިންގެ ދުވަސް އާންމުކޮށް ފާހަގަ ކުރަނީ ރައްތަކަށް ހުޅުވާލައިގެންނެވެ.
މިދުވަސް ފާހަގަ ކުރަން ފަށާފަވަނީ 1989 ވަނަ އަހަރު އެވެ.