Last Updated: November 28, 06:03
Thursday, November 28, 2024
ޚަބަރު

މީޑިއާތަކުގެ "ބްލެކް ލިސްޓެއް" ނުގެންގުޅޭނެ

ރައީސް އޮފީޙުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިނޭކޭޝަން އިބްރާހިމް ހަލީލް / ފޮޓޯ: ރައީސް

މީޑިއާތަކުގެ "ބްލެކް ލިސްޓެއް" މި ސަރުކާރުން ނުގެންގުޅޭނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން، އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ.

ހަލީލް މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާތަކުގެ އިސްވެރިންނާއި އެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވަޢުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވަޢުދުގެ ކަންކަން ތަންފީޒުކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް މީޑިޔާތަކުގެ އިސްވެރިންގެ މަޝްވަރާ ވަނީ ހޯދާފައެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަލީލް ވަނީ ސަރުކާރުން ޚަބަރާ މަޢުލޫމާތު ފޯރުކޮށް ދެއްވުމުގައި މީޑިއާތަކުގެ މެދުގައި ތަފާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މީޑިއާތަކުގެ 'ބްލެކް ލިސްޓެއް' މި ސަރުކާރަކުން ނުގެންގުޅުއްވާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

މީޑިއާ ތަކާއި އެކު ރައީސް އޮފީހުން ބޭއްވި ބައްދަލުވުމުގައި ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުންވެސް ރައީސްގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް ޤާއިމް ކުރުމާއި، މިޑީއާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުން ފަދަ، ހުރިހާ ކަމެއްގައިވެސް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ހަލީލް ވިދާޅުވިއެވެ. އަދި މީޑިއާތަކަށް މަޢުލޫމާތު ހާމަކުރުމާ މީޑިއާތަކަށް ސަރުކާރުން ކޮށްދެއްވަން ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދިނުމުގައި ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރަމުންދާގޮތް ވަރަށް ގާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމަންޓުން ބައްލަވަމުން ގެންދަވާނެކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ޚިދުމަތްދޭ ގިނަ މީޑިޔާތަކެއްގެ އިސްފަރާތްތަކުން ބައިވެރިވި މި ބައްދަލުވުމުގައި، މީޑިޔާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު، މީޑިޔާތަކުގެ އިސްފަރާތްތަކުން ހިއްސާކުރައްވައި، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ބެހޭގޮތުންވެސް ބައެއް މަޝްވަރާތައް ކުރެއްވިއެވެ.

މީޑިއާތަކާ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ބައްދަލުވުންތައް ސިލްސިލާކޮށް ރައީސް އޮފީހުން ކުރިއަށް ގެންދާނެ ކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ. މިގޮތުން ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ކުރިންވެސް ރާއްޖޭގެ ނޫސްވެރިންނާއި އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.