ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އަލަށް އުފައްދަވާ ޕާޓީއަށް ކިޔަނީ "ޕީޕަލްސް ނޭޝަނަލް ފްރަންޓް" ކަމަށް ކުރީގެ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ހާމަކުރައްވާފައެވެ.
މިޕާޓީގެ ލޯގޯއާއި ޕާޓީގެ ނަން މިރޭ ހާމަކޮށްފައިވަނީ މިރޭ އެކްސް ގައި ހުޅުވި ސޯޝަލް މީޑިއާ އެކައުންޓާއެކު އެވެ. މި ޕާޓީގެ ރެޖިސްޓަރ ކުރުމަށް އެދި މާދަމާ އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅާނެ ކަމަށް ޕާޓީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ މަލީހު ވިދާޅުވިއެވެ. ޕާޓީގެ ކުލައިގެ ގޮތުގައި ބޭނުން ކުރަނީ ދަނބު ކުލަ އެވެ.
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ pic.twitter.com/ZWe0bLPoJN
— People's National Front (@PNFront) November 25, 2023
ރައީސް ޔާމީން އިސްވެ ޕާޓީއެއް އުފައްދަވާއިރު، މިވަގުތު އެމަނިކުފާނު ދަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އިލެކްޝަން ކޮމިޝަން ވަނީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފަރާތެއްގެ ނަންމަތީ ޕާޓިއެއް ނުހެދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މި ޕާޓީ އުފެެއްދެވެމަށް އެމަނިކުފާނު ވަނީ ޕީޕީއެމް ދޫކުރައްވާފެވެ.
ޔާމީންގެ އިތުރުން ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ވަނީ ޕީޕީއެމް ދޫކުރައްވާފައެވެ. ޔާމީން ޕާޓީ ދޫކުރެއްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވަނީ، ވެރިކަމަށް އައި ފަހުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އަދި މިހާރު ރައިސުލްޖުމުހޫއްރީއްޔާ ރައީސް ޔާމީން ދޫކޮށްލަވާފައިވާތީއެވެ.
އަލަށް މި ހަދާ ޕާޓީ އަކީ ރައީސް ޔާމީން ގުޅޭނެ 3 ވަނަ ޕާޓީއެވެ. އެމަނިކުފާނު ސިޔާސީ ހަރަކާތްތަކުގައި ފުރަތަމަ ބޭނުން ކުރެއްވީ، ޕީޕަލްސް އެލައިއެންސް ނަމުގައި 2008 ވަނަ އަަހަރު ރެޖިސްޓަރ ކުރެވުނު ޕާޓީއެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ޑީއާރްޕީ ދެބައިވެ ރައީސް މައުމޫން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިވަޑައިގެންނެވިއެވެ. އެމަނިކުފާނު ޕާޓީ ޕީޕީއެމް ދޫކުރެއްވި އިރު، ޕާޓީގެ ރައީސްގެ މަޤާމު ފުރުއްވިއެވެ.