ރައީސް ޑރ. މުހައްމަދު ސަރުކާރާ އެކީ ސާބިތުކަމާ އެކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕާޓީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމު ވިދާޅުވީ މި ސަރުކާރު ދެމެހެއްޓުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް އެމްއެންޕީން ކުރާނެ ކަމަށާއި ޕާޓީގެ ހުރިހާ މެންބަރު ވެސް ތިބޭނީ ސާބިތުކަމާ އެކީ ސަރުކާރާ އެކީގައި ކަމަށެވެ. އެމްއެންޕީގެ ފަރާތުން މި އަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާޒިމު ވާދަކުރެއްވުމަށް ފަހު، ދެވަނަ ބުރުގައި ޕީޕީއެމާ އެކީ ކޯލިޝަން ހަދާފައިވެ އެވެ.
ނާޒިމް ވިދާޅުވީ އުޖާލާ ޒަމާނަކަށް ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކީ ޤައުމުގެ ވެެރިކަމަށް ގެނައި މުޢިއްޒުގެ ސަރުކާރާ އެކީ އެމްއެންޕީގެ ހުރިހާ މެންބަރުން ސާބިތުކަމާ އެކީ ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް ގެންދަވާ ތަރައްގީގެ މަސައްކަތުގައި ރައްޔިތުން އެއްބާރުލުންދެއްވުމުގައި ދެމިތިއްބެވުން،" ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުގެ ދުއާ އަކީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުން."
ސަރުކާރާ އެކީ އޮންނާނެކަމުގެ ޔަގީންކަން އެމްއެންޕީން ދިން އިރު، ރައީސް މުއިއްޒުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް މުހައްމަދު އުޝަމަކީ އެ ޕާޓީގެ މެންބަރެކެވެ. އެ މަގާމަށް ވަޑައިގަތުމުގެ ކުރިން އުޝާމަކީ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރެވެ.
ދަނގެތީ ދާއިރާގެ މެންބަރުގެ މަގާމުގައި ނާޒިމު ހުންނެވި އިރު، އެމްއެންޕީގެ އަބްދުﷲ ރިޔާޒަކީ ތިމަރަފުށީ ދާއިރާގެ މެންބަރެވެ.