ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މިނިވަންވެ ސިންގަޕޫރަށް ދިރިއުޅުން ބަދަލު ކުރައްވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި އެކު އެކަން އޭނާ ދޮގުކޮށްފިއެވެ.
މިކަމަށް އިޝާރަތް ކޮށް އަދީބު އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވީ، ސިންގަޕޫރަށް ދިރިއުޅުން ބަދަލު ކުރެއްވި ކަމަށް ވިދާޅުވެ ފެތުރިފައިވާ މީޑީއާ ރިޕޯޓުތަކަކީ ދޮގެއް ކަމަށެވެ. އަދި އޭނާ މިވަގުތު ރާއްޖެއިން ބޭރުގައި އުޅުއްވަނީ ބޭސްފަރުވާއަށް ކަމަށާއި، އެކަން ނިމުނުހާ އަވަހަށް ރާއްޖެ އައްނާނެ ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑު ލޯބިވާ ޤައުމަށް އެނބުރި އަންނާނަން. އެތަނުގައި ދިރިއުޅޭނީވެސް މަސައްކަތް ކުރާނީވެސް އަދި ވަޅުލާނީވެސް. " އަދީބު ކުރި ޕޯސްޓުގައި ވިދާޅުވިއެވެ.
ރާއްޖޭގެ މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ޙިޔާނަތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ މައްސަލައިގެ މޭސްތިރިއެއްގެ ގޮތުގައި އަދީބުއަށް ވަނީ 20 އަހަރު ޖަލު ހުކުމެއްކޮށް އަދި 2 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ އެ މައްސަލާގައި 30 އަހަރު ހުކުމެއް ތަންފީޒު ކުރަމުންދާ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި އަދީބަށް ރިޔާސީ މަޢާފެއް ދެއްވާފައެވެ.
އަދީބު އަދި ޒިޔަތަށް މާފު ދެއްވާ މިނިވަން ކޮށްފައިވާއިރު މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިހާރު ހިނގަމުންދާއިރު އެމްއެމްޕީއާރްސީގެ އިތުރު މައްސަލަތަކެއްގައި ރައީސް ޔަމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައިވެސް އަންނަނީ ހިނގަމުންނެވެ.