އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހަށް ފަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.
މި މައްސަލަ އެ ކޮމެޓީއަށް ހުށަހެޅީ އިލެކްޝަން ކޮމިޝަނުގެ ފަރާތުންނެވެ. މިހާރު ގާނޫނު އޮތް ގޮތުން ރޯދަ މަހާ ދިމާކޮށް އިންތިހާބު ބާއްވަންޖެހޭތީ އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާއި އިދާރީ ބައެއް ކަންކަން ހަމަޖެއްސުމަށް ދަތިތަކެއް ހުރުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މިމައްސަލަ ހުށަހެޅިއެވެ.
މައްސަލަ ހައްލުކުރަން އީސީ އިން ކޮމިޓީއަށް ހުށަހަޅާފައިވަނީ ކެމްޕޭން ކުރަން ކެންޑިޑޭޓުންނަށް ލިބޭ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރުކުރުމަށް ނުވަތަ ގާނޫނުގައިވާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރު ކޮށްގެން އިންތިހާބުގެ މަސައްކަތް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.
އެ މައްސަލައިގެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން އިއްތިފާގުވީ، ރޯދަމަހުގެ ކުރިން އިންތިހާބު ބޭއްވުމުގެ ބަދަލުގައި ރޯދަމަހަށް ފަހު އިންތިހާބު ބޭއްވުމަށެވެ.
ކޮމެޓީގެ މެންބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި ފާހަގަ ކުރި ގޮތުގައި ރޯދައިގެ ކުރިން އިންތިހާބު ބޭއްވުމުގެ ބަދަލުގައި އޭރު ދިމާވާ ދަތިތަކަށް ރޯދައިގެ ފަހުން ބޭއްވުމުން ހައްލު ލިބިގެން ދާނެއެވެ. އެއީ އޯލެވެލް އައި ގުޅުވައި އަންނަ ޓެސްޓުތައް ރޯދައިގެ ތެރެއަށް އައުމުން ސްކޫލުތައް ވޯޓުލާ މަރުކަޒުތަކަށް ބޭނުން ކުރަން ހޯދަން އުނދަގޫވުމާއި އަދި ރޯދައިގެ ތެރެއިން އޮފިޝަލުން ހޯދުމަށް ދަތިވުމެވެ.
މެންބަރުން ވާހަކަދެއްކެވުމަށްފަހު ކޮމިޓީގައި އެވަގުތު ތިއްބެވި ހުރިހާ މެންބަރުންވެސް އިއްތިފާގުވީ ރޯދަ ފަހުން މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ހަމަޖެހިފައިވެ އެވެ. އަދި މިހާރުވެސް ބައެއް ފަރާތްތަކުން މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.