މި ހަފްތާ ނިމުމުގެ ކުރިން ގޯތި ލިސްޓު އާންމު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ޢައްޑޫއިން ދޫކުރުމަށް ނިންމާފައިވާ 1000 ގޯތިތަކަށް ޝަރުތުހަމަވާ މީހުންގެ ލިސްޓެއް އާންމު ކުރީ މިދިޔަ އޯގަސްޓް މަހު އެވެ. ލިސްޓުގައި 4000 އަށް ވުރެ ގިނަ މީހުން ތިބި އިރު، އައްޑޫސިޓީ ކައުންސިލުން ވަނީ އެ ލިސްޓުގައި ހިމެނޭ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެ ލިސްޓުން މިހާރު އާންމު ކުރަން ޖެހެނީ ޕޮއިންޓް ލިބުނު ގޮތުގެ ލިސްޓެވެ.
މި ލިސްޓު މިމަހުގެ ފަހުކޮޅު އާންމުކުރާނެ ކަމަށް ކައުންސިލުން ހާމަކޮށްފައިވީ ނަމަވެސް އަދި އާންމު ނުކުރެއެވެ. މިކަމާއި ގުޅޭގޮތުން އައްޑޫލައިވްއާއި ވާހަކަ ދައްކަވަމުން މޭޔަރ އަލީ ނިޒާރު ވިދާޅުވީ، އިވެލުއޭޝަން މަސައްކަތް މިހާރު ދެން އެއްކޮށްހެން ނިމިފައިވާ ކަމަށެވެ.
"ހިތަދޫ ހިމެނޭހެން ހުރިހާ އަވަށެއްގެ ވެސް ލިސްޓް ގާތްގަނޑަކަށް ފައިނަލް ކުރެވިފައި އެހެރީ. — ދެން މިބަލަނީ ކައުންސިލަރުންނާއި މަޝްވަރާކޮށް މިހަފްތާގެ ޖަލްސާއަށް ހުށަހަޅައިގެން މިމަހު ގުރު ލުމަށް ދެވޭތޯ" ނިޒާރު ވިދާޅުވިއެވެ.
ކައުންސިލުން މިހާތަނަށް ބުނަމުން އައި މިމަހުގެ ފަހުކޮޅަށް ލިސްޓު ނެރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އިދާރީ އެކި ސަބަބުތަކާއި ހެދި ލިސްޓު ނެރުން މިވަނީ ލަސްވެފައެވެ. އެހެންވިއަސް މޭޔަރ ނިޒާރު އަދިވެސް ހުންނެވީ މިމަސް ނިމުމުގެ ކުރިން ލިސްޓު އާންމު ކުރެވި ގުރާއި ހަމައަށް ދެވޭނެ ކަމުގެ އުއްމީދުގައެވެ.
މި އަހަރުގެ ކުރީކޮޅު އައްޑޫން ހަތަރު އަވަށަކުން ޖުމްލަ 1،000 ގޯއްޗަށް ހުޅުވައިލި އެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުމީދޫ ހިމެނޭ ގޮތަށް 200 ގޯއްޗެކެވެ. މީގެ ތެރެއިން ހުޅުމީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯތި ނަމަވެސް އަނެއް ދެ އަވަށުން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ.
މިގޯތިތަކުގެ އިތުރަށް އައްޑޫގެ އަވަށްތަކުން އަލަށް ހިއްކި ބިންތައް ބާކީ ޝަރުތުހަމަވާ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ގޯތި ދޫކުރަން މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.