Last Updated: November 28, 06:03
Thursday, November 28, 2024
ޚަބަރު

މަހުގެ އަގު ބޮޑުކުރީ ޓެރިފް ކެނޑޭނެ ދުވަހެއް ޔަޤީން ނުވެ

ފިޝަރީޒް މިނިސްޓަރ މިފްކޯގެ ވެރިންނާއި ބައްދަލު ކުރައްވަނީ / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ކުރީ ސަރުކާރުން މަހުގެ އަގު 17ރ. އިން 25ރ. އަށް މަތި ކުރީ ޔޫރަޕް މާކެޓުން އަވަސް މުސްތަޤުބަލެއްގައި ޓެރިފް ކުޑަކުރެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތި ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝީޔާމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝީޔާމް ވިދާޅުވީ މިސަރުކާރުން ހަވާލުވިއިރު މިފްކޯއަށް ފައިސާ ނުދެއްކި ބޮޑު ބެކްލޮގެއް އެބައޮތް ކަމަށެވެ. އެގޮތުން 200 މިލިއަން ރުފިޔާގެ ބެކްލޮގެއް މަސްވެރިންނަށް ފައިސާ ދޫނުކުރެވި އޮތްއިރު، މިހާތަނަށް ދޫކުރެވިފައިވަނީ އެކި މަސައްކަތް ކޮށްގެން 30 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު މިދަނީ ބާކީ ދޫކުރުމަށްވެސް މަސައްކަތް ކުރަމުން ކަމަށް ވިދާޅުވިއެވެ.

މިފްކޯގެ ބެކްލޮގް އެއް ސަބަބުގެ ގޮތުގައި ޝީޔާމް ފާހަގަ ކުރެއްވީ އިންތިހާބުގެ ތެރެއިން މަހުގެ އަގު ބޮޑު ކުރަން ނިންމުމެވެ. ޝީޔާމް ވިދާޅުވި ގޮތުގައި އެ މަސައްކަތް އަދި މި ސަރުކާރުން ސީދާ ނުފެއްޓެވި ނަމަވެސް އެކަމުގެ ތެރޭގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޝްވަރާކޮށްފައިވާ ކަމަށެވެ.

" އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ މިހާރު އެވާހަކަތައް ހުރި ހިސާބުން، އަދި މިއިން ޒަމާނަކު ޔޫރަޕް ޓެރިފް ކުޑަ ކުރެވޭނެ އެއްވެސް ޕޮސިބިލިޓީއެއް އޮތް ކަމަަކަށް؛ އަޅުގަނޑުމެން ސީދާ ފެށީކީ ނޫން، އެކަމަކު އެ މަސައްކަތް ގޮސްފައި ހުރި ހިސާބުން، އެ މަސައްކަތް ކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުން ޓެރިފް ކުޑަ ކުރެވޭ ހިސާބާއި ވަރަށް ދުރުގައި މިއުޅެވެނީ" ޝިޔާމް ވިދާޅުވިއެވެ.

އަދި އަހަރެއް ހަމަ އަހަރެއް ދޮޅު އަހަރު ނެގުން އެންމެ ޕޮސިބަލް ގޮތް ކަމަށް އެބޭފުޅުން މައުލޫމާތު ދެއްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރުން ކެމްޕެއިން ތެރޭގައި މެނިފެސްޓޯގައި ހިމަނާފައި އޮތީ 20ރ. އަށް ވުރެ ބޮޑު ނުކުރުމަށް ކަމަށާއި، މީގައި ހައްލެއް ހޯދުމަށް ހުރިހާ ފަރާތްތަކާއި އެކުވެސް މަޝްވަރާ ކުރައްވާ ކަމަށެވެ.

ކުރީ ސަރުކާރުން އިންތިހާބުގެ ފުރަތަމަ ބުރާ ދެވަނަ ބުރު ދޭ ތެރޭ މަހުގެ އަގު މައްޗަށް ޖެއްސިއެވެ. މަހުގެ އަގު އޭރު މައްޗަށް ޖައްސާފައިވަނީ ވަރަށް އަވަހަށް ޓެރިފް ކެނޑިގެންދާނެ ކަމުގެ ފެހި ސިގްނަލް ލިބިގެން ކަމަށް ބުނެއެވެ.