Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ޕީއެންސީގެ މެންބަރުންގެ އަދަދު 16،000 އަށް

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މެންބަރުންގެ އަދަދު މިހާރު 16،000 އަށް އަރާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީއެންސީގެ ޓިކެޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވި ހިސާބުން ފެށިގެން ޕާޓީ އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް އަންނަނީ ބާރަށް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން ޕީއެންސީއާ ގިނަ އަދަދަކަށް މީހުން ސޮއި ކުރަމުން އަންނަ ކަމަށް އެ ޕާޓީން ބުނެ އެވެ.

ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 16،000 އަށް އަރާފައިވާ އިރު، އަހަރުގެ ނިމުމުގެ ކުރިން ޕާޓީ އަށް ސޮއިކުރި މީހުންގެ އަދަދު 40،000 އަށް އަރާނެ ކަމަށެވެ. އިންތިހާބަށް ފަހު، ޕީއެންސީގެ އަމާޒަކަށްވެފައި އޮތީ ވީހާ އަވަހަށް މެންބަރުންގެ އަދަދު 10،000 އަށް އެރުވުމެވެ.

އެކަން މިހާރު ހާސިލުވެފައިވާ އިރު، ޕީއެންސީން ބުނި ގޮތުގައި މި މަހުގެ ތެރޭގައި އެކަނި ވެސް އިލެކްޝަން ކޮމިޝަން (އީސީ) އަށް 10،000 ފޯމު ފޮނުވާފައިވެ އެވެ. އަދި އިތުރު 6،000 ފޯމް ފޮނުވަން ޕްރޮސެސް މަރުހަލާގައި އެބަހުއްޓެޥެ.

އީސީގައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން މި އަހަރުގެ ފެބްރުއަރީ 21 އާ ހަމައަށް ނިޔަލަށް ޕީއެންސީގެ މެންބަރުންގެ އަދަދަކީ 3،159 އެވެ.

ޕީއެންސީ އާއި ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމަކީ ގުޅިގެން މަސައްކަތްކުރާ ދެ ޕާޓީ އެވެ. އަދި މި ކޯލިޝަނާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްއެންޕީން ވެސް ވަނީ ގުޅިފަ އެވެ.