ރިޔާސަތުގައި ތިބިއިރު ގަދަބާރުން ކަންކަން ކުރަން އުޅުނު ފަރާތްތައް ސިއްރު ނޫންކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ފާޑުވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި މެންބަރު އަލީ އާޒިމް ވަނީ މަޖިލީސް ރައީސް ކަމަށް އަސްލަމް ވަޑައިގަތީ ގަވައިދާ ހިލާފަށް ކަމަށް ތުހުމަތު ކުރައްވާފައެވެ. އެ ތުހުމަތާ ގުޅިގެން ރިޔާސަތުގައި އިންނަވާ އަސްލަމް ވިދާޅުވީ ރިޔާސަތުގައި އިންނަނީ މަޖިލީހުގައި ވޯޓެއް ނެގި ވަރަށް ސާފު އަޣުލަބިއްޔަތު ލިބުމުން ކަމަށެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މެންބަރުން މިހާރުވެސް ސޮއި ކުރައްވާ އިތުބާރު ނެތްކަމަށް ހުށަހަޅުއްވާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
އަސްލަމް މިހެން ވިދާޅުވިފަހުންވެސް މެންބަރު އާޒިމް ވަނީ ތަޅުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ރިޔާސަތުގައި އިންނެވީ ގަވައިދާ ހިލާފަށްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެވާހަކަ ތަކުރާރު ކުރެއްވުމުން ރިޔާސަތުގައި އިންނަވާ އަސްލަމް ވިދާޅުވި މަޖިލީހުގެ ރިޔާސަތާ ގުޅޭގޮތުން ކަންކަން ވެފައިއޮތް ގޮތަކީ ވަންހަނާ ވެފައިވާ ކަމެއް ނޫން ކަމަށެވެ.
"ގަދަކަމުން، ގަދަބާރުން ކަންކަން ކުރައްވަން އުޅުއްވީ ކޮން ބޭފުޅުންނެއްކަން، ކިހިނެއްކަން ކުރައްވަން އުޅުނީ، އެއީ ވަންހަނާވެގެންވާ ކަންކަމެއް ނޫން." ނުސީދާ ގޮތެއްގައި ރައީސް ނަޝީދަށް ފާޑުވިދާޅުވެ އަސްލަމް ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނިކޮށް ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިއިރު، ނައިބު ރައިސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.