މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ހަމަޖެއްސުމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ފިނޭންސް މިނިސްޓަރާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމްއަދި މިނިސްޓްރީގެ ޓީމެއް ބައިވެރިވެވަޑައިގެންނެވިއިރު، ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީޤް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި، މަސްވެރިންނަށް ޤަވާއިދުން ފައިސާ ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ދެ ވުޒާރާ ގުޅިގެން ކުރަން ޖެހޭ ކަންކަން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ މަޝްވަރާތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
Minister of @mofmv and @MFORmv met to discuss timely payments for fishermen and fisheries sector capacity building. Meeting focused on streamlining processes and future collaborations for enhanced efficiency. pic.twitter.com/Q3nwV3jEQi
— Ministry of Finance (@MoFmv) November 27, 2023
މަސްވެރިންނަށް ފައިސާ ދޫކުރުމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން މަޝްވަރާކޮށްފައިވާއިރު، މިނިސްޓަރ އަހުމަދު ޝީޔާމް ވަނީ މިފްކޯގެ އިސްވެރިންނާއި ވެސް ބައްދަލު ކުރައްވާފައެވެ.
މިނިސްޓަރ ޝީޔާމް މިޑިއާތަކަށް މައުލޫމަތު ދެމުން ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރު ހަވާލުވިއިރު، 200 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫ ނުކުރެވި ބެކްލޮގް ވެފައި އެބަހުއްޓެވެ. ނަމަވެސް އެމަނިކުފާނުގެ ހަވާލުވެ ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 30 މިލިއަން ހަމަޖެހިފައިވާ ކަން މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.
މަސްވެރިނަށް ފައިސާ ނުދެވި މިހާ ބޮޑު ބެކްލޮގެއް އަންނަން ޖެހުނީ މިހާރުވެސް ސަބްސިޑައިޒް ކުރެވިފައިވާ މަސް ގަތުމުގެ އަގު ކުރީ ސަރުކާރުން ބޮޑު ކުރުމާއެކުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ގިނަވެގެން ދެ ހަފްތާ ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ ގޮތް ހެދުން ކަަމަށް ވިދާޅުވިއެވެ.