ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވަން މަސައްކަތް ކުރައްވާނެ ކަމަށް އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިގޮތަށް ވިދާޅުވީ މި މަހުގެ 17 ގައި ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި ތުރުކީ އަށް ވަޑައިގެން އެ ގައުމުގައި ތިބި ދިވެހިންނާ އެކީ ބޭއްވި ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ތުރުކީގައި އުޅޭ ދިވެހިން ވަނީ އެ ގައުމުގައި ރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފަ އެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސް ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށެވެ.
ތުރުކީ މިހާރު ދިވެހިން ވަރަށް އާންމުކޮށް ޗުއްޓީ އަށް ވެސް ދަތުރުކުރާ ގައުމެކެވެ. އެހެންވެ އެ ގައުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓްތަކުން ފައިސާގެ ލިމިޓް މިހާރު އޮތް ގޮތުން ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދޭން ވެސް ރައީސާ އެކީ ބޭއްވި ބައްދަލުވުމުގައި ދިވެހިން އެދިފައިވެ އެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ގައުމީ ބޭންކާ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.