ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ދީފައިވާ ގޯއްޗާއި ފްލެޓްގެ މައްސަލައިގައި މި ސަރުކާރުގެ ހަގީގީ ސިޔާސަތު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި، އެއްވެސް ރައްޔިތަކަށް އޭރުގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓް އަތުނުލާނެކަމަށް ތަކުރާރުކޮށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ވިދާޅުވެފައިވާކަމަށެވެ. އަދި އެ ވާހަކައަށް އިތުބާރުކޮށް އެތައް ރައްޔިތަކު ޑރ. މުއިއްޒުއަށް ވޯޓުދިން ކަމަށެވެ.
އެހެންނަމަވެސް ސަރުކާރާ ހަވާލުވުމަށްފަހު މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދީފައިވާ ބައެއް ބިންތަކުގެ ރަޖިސްޓްރީގެ ސައްހަ ކަމާމެދު ސުވާލު އުފައްދާފައިވާ ކަމަށެވެ. އަދި ގޯތިތަކުގެ ލޮކޭޝަން ބަދަލުކޮށް އަލުން ފޯމު ހުށަހަޅަން ޖެހިދާނެކަމަށް ދޭހަވާފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.
މީކާއިލް ކުއްލި މައްސަލައިގައި ބުނެފައިވަނީ ކުރީ ސަރުކާރުން ހުޅުމާލެ، ގުޅިފަޅު، ގިރާވަރު ތަރައްގީކުރުމަށާއި، ގޯތި ދިނުމަށް ނިންމާފައި އޮތްއިރު އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް އެއްވެސް އަދަދެއް ކަނޑައަޅާފައި ނެތްކަމަށެވެ. އޭގެ ބަދަލުގައި ފުށިދިއްގަރުފަޅު ހިއްކުމަށް ބޮޑު އަދަދެއް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.
ކުއްލި މައްސަލައިގައި މީކާއިލް ގޮވާލެއްވީ ގޯއްޗާއި ފްލެޓްގެ މައްސަލައިގައި ހައުސިން މިނިސްޓަރުގެ ހަގީގީ ސިޔާސަތު ހާމަކުރުމަށެވެ. އަދި ލިޔުން ލިބިފައިވާ ފަރާތްތަކަށް ވީ އެންމެ އަވަހަށް ފްލެޓާއި ގޯތި ދިނުމަށްވެސް ގޮވާލާފައިވެއެވެ.