ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެން ކައިރިވެފައިވަނިކޮށް ހާމަކުރި ފްލެޓް ލިސްޓުގައި ފްލެޓް ލިބުނު މީހުން ކަނޑައެޅުމުގައި ގޯހުން ކަންތައްތަކެއް ހިނގާފައިވާކަމަށް ވިދާޅުވެ މެންބަރު ހުސެއިން ޝަހީމް ތުހުމަތުތަކެއް ކުރައްވައިފިއެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ޝަހީމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ފްލެޓްގެ މައްސަލައިގައި އެމަނިކުފާނބުގެ ކަންބޮޑުވުން ބޮޑު ކަމަށާއި، އެކަމުގެ ސަބަބަކީ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުން މި މައްސަލައިގައި އިންތިހާއަށް އައުމުން ކަމަށެވެ.
މެންބަރު ޝަހީމް ވިދާޅުވީ ފްލެޓްތަކަށް ޕޮއިންޓް ދިނުމުގައި ގެންގުޅުނު "ދޯހަޅި" އުސޫލު ގަބޫލުނުކުރެވޭ ކަމަށެވެ. އެގޮތުން ކަނޑައެޅިގެން ސައްހަނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެން ޕޮއިންޓް ލިބުނު ފަރާތްތަކަކަށް ފުރަތަމަ 4000 ފްލެޓްގެ ތެރޭގައި ފްލެޓް ދޭން ނިންމާފައި އޮތްއޮތުން ބަލައި ނުގަންނަ ކަމަށް ވިދާޅުވިއެވެ.
"އެއީ އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީގެ ސަރުކާރެއްގެ ސްޓޭޓް މިނިސްޓަރަކު އަދި މިނިސްޓަރަކު ކުރެއްވި ކަމަކަށް ވީނަމަވެސް، ރަނގަޅަށް ބަލާފައި ކޮށްފައި އޮތްކަމެއް ނޫންކަމުގައި ދަންނަވަން." މެންބަރު ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މާލެނައިސް ރަށްރަށުގައި ދިރިއުޅެފައިތިބި ފަރާތްތަކަށްވެސް ފްލެޓް ލިބިފައި އެބަހުރި ކަމަށާއި، އަދި އެބޭފުޅާގެ ދާއިރާގެ ރައްޔިތުންނާމެދު ކަންކުރެވުނުގޮތުންވެސް ފްލެޓް ދީފައިވަނީ ރަނގަޅަށް ނޫންކަން ހާމަވާކަމަށެވެ.
މީގެއިތުރުން ފްލެޓްގެ ކަންކަމާ ގުޅިގެން އެމްޑީޕީ ސަރުކާރުން ކަންކަން ސާފުކުރިކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ ފްލެޓަށް ކުރިމަތިލާ ހުށަހެޅި އެޕްލިކޭޝަންގައި ހުރި މައުލޫމާތުގެ ތެދު ދޮގު ބަލާނެ ވަގުތު ނުވިކަމަށް އެބޭފުޅުން ވިދާޅުވިކަމަށެވެ. އަދި ވިދާޅުވީ ޕޮއިންޓް ދިނުމުގެ ކަންކަން ހުންނަންޖެހޭނީ ދެފުންފެންނަ ގޮތަށް އިންސާފުވެރިކޮށް ކަމަށާއި މީހަކު ޖަހާހާއެއްޗަކަށް ގޯތިގެދޮރާއި ފްލެޓް ލިބޭ އުސޫލެއް އޮވެގެން ނުވާނެ ކަމަށެވެ.