ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ މަޤާމާއި ހަވާލުވިތާ ގަޑިއެއްހާއިރު ތެރޭ، މަސައްކަތް ފަށްޓަވާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވިތާ ގަޑިއެއްހާއިރުތެރޭ ހުސައިން ފަހުމީ ވަނީ މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ އެކުންފުނީގެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެ ޓްރާންސްފޯމަރަކީ އެ ސަރަހައްދާއި، އެމަގު ބޭނުން ކުރާ ރައްޔިތުންނަށް އުނދަގޫވާގޮތަށް ބެހެއްޓިފައި ހުރި ޓްރާންސްފޯމަރެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިއަދު މަޤާމަށް އައްޔަން ކުރެވުނު ފަހުމީ އެ ސަރަހައްދަށް ވަޑައިގެން އެ ޓްރާންސްފޯމަރާއި ހެދި ވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. އަދި އެ ޓްރާންފޯމަރު ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ޓްރާންސްފޯމަރު ނަގާނެ ކަމަށް ވިދާޅުވިއެވެ.
"ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން. މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެން" ފަހުމީ ވިދާޅުވިއެވެ.
މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރު އެތަނުގައި ބަހައްޓާފައި ހުންނަތާ 6 އަހަރު ދުވަސް ވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ފަހުމީ އަކީ ސްޓެލްކޯއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އެކުންފުންޏަށް ފަރިތަ ބޭފުޅެކެވެ. އޭނާ މެނޭޖިންގް ޑިރެކްޓަރު ކަމުގެ މަޤާމަށް އައްޔަން ކުރުމުގެ ކުރިން ހުންނެވީ އެކުންފުނީގެ މެނޭޖަރެއްގެ މަޤާމުގައެވެ.