ދިވެހިރާއްޖެއިން ފަލަސްތީނަށް ކުރާ ތާއީދަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް އެއްބާރުލުންދިނުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށާއި އަދި ވެދެވެންއޮތް ހުރިހާ އެހީތެރިކަމެއް ދެމުންގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއަރމަން އަދި ރައީސް، ޕްރޮފެސަރ ޑޮކްޓަރ ނޫމާން ކުރްތުލުމުސްއާ އަދި ޕާލަމަންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ޤައުމަކީ ތުރުކީވިލާތަށްވުމީ ލިބިވަޑައިގެންނެވި ޝަރަފެއްކަމަށާއި އަދި ވަކިން ހާއްސަކޮށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ އަދި އެއަށްވުރެ ބޮޑު ޝަރަފެއްކަމަށެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި އިންޑިއާ ކަނޑުގައި ރާއްޖެ އެތުރިފައި ވަނީ ބޮޑު ސަރަޙައްދެއްގެ މައްޗަށްކަން ފާހަގަކުރައްވާ، ރާއްޖެ އޮންނަނީވެސް ސަރަހައްދީ މުހިންމު ހިސާބެއްގައިކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރާއްޖެއާއި ދުރާއި ގާތުން އެކީގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާއެކުވެސް އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.