އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް، ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަނެ، އެ ޤައުމުގައި ކުރަމުން ގެންދާ ހަނގުރާމައާއި، ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން، ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ މެސެޖުގައި އިސްރާއީލުގެ ދިފާއީ ބާރުން ފަލަސްތީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ހައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ހިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއްކަން ފާހަގަ ކުރައްވާ އެކަންކަން ތަހުގީގުކުރުމަށް ގޮވާލައްވާފައިވެއެވެ.
މީގެއިތުރުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި، ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމަށާއި، ފަލަސްތީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުން ހުއްޓާލުމަށް ވެސް ރައީސް ގޮވާލައްވާފައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކުރުމަށް ވެސް އިލްތިމާސް ކުރައްވާފައިވެއެވެ.
ޑރ. މުއިއްޒުގެ މެސެޖުގައި، ފަލަސްތީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ، ފަލަސްތީނުގެ މުސްތަޤިއްލު މިނިވަން ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އެގޮތުން، އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދިނުމަށްވެސް ގޮވާލާފައިވެއެވެ.