Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

މަޖިލީހުގައި ސަރުކާރު ޕާޓީގެ އެންމެ މެންބަރެއް!

ތުލުސްދޫ ދައިރާގެ މެންބަރު އިބްރާޙީމް ނަސީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ މެންބަރުންގެ އަދަދު ރައްޔިތުންގެ މަޖިލީހުގައި އެކަކަށް ތިރި ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ އިތުރު މެންބަރަކު މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ. އެގޮތުން މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދެވެ. ފަޟުލްއަކީ ވެސް ޕީއެންސީއަށް ނިސްބަތްވާ މެންބަރެކެވެ. އަދި އޭނާ ހުންނެވީ މަޖިލީހުގެ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުގެ މަގާމުގައެވެ. މިއާއެކު މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ އަދަދު ވަނީ އެކަކަށް ތިރިވެފައެވެ. އެ މެންބަރަކީ ތުލުސްދޫ ދައިރާގެ މެންބަރު އިބްރާޙީމް ނަސީމްއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ މެންބަރު މުސާ ސިރާޖު ޕީޕިއެމްއާ ގުޅިވަޑައިގެންކަން މަޖިލީހަށް އަންގާފައިވާތީ އެކަންވެސް އިއުލާނު ކުރައްވާފައެވެ.

މިއާއެކު މަޖިލީހުގެ ދަފުތަރުގައި މެންބަރުން ހިމެނޭގޮތަށް ބަލާއިރު:
1- އެމްޑީޕީ 56 މެންބަރުން
2- ދަ ޑިމޮކްރެޓްސް 13 މެންބަރުން
3- ޕީއެންސީ 1 މެންބަރުން
4- ޕީޕީއެމް 2 މެންބަރުން
5- އެމްޑީއޭ 2 މެންބަރުން
6- ޖޭޕީ 2 މެންބަރުން
7- ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރުން

ރައްޔިތުންގެ މަޖިލީހުން ޕީއެންސީއަށް ނިސްބަތްވާ ޖުމުލަ 4 މެންބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ގޮތުގައި މިހާރު ހުންނެވި ހުސައިން މުހައްމަދު ލަތީފް، މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވި އާދަމް ޝަރީފް އަދި މުހައްމަދު ސައީދުގެ އިތުރުން އަބަންކޯގެ އައު މެނޭޖިންގް ޑިރެކްޓަރގެ މަގާމަށް ހަމަޖެއްސި އިބްރާހިމް ފަޟުލް ރަޝީދެވެ.

މީގެއިތުރުން ޕީޕީއެމަށް ނިސްބަތްވާ އަހުމަދު ޝިޔާމް އަދި ޣައްސާން މައުމޫން ވަނީ މިނިސްޓަރު ކަމާ ހަވާލުވެލެއްވުމަށް މަޖިލީހުން އިސްތިއުފާ ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޕާޓީއަށް ނިސްބަތްވާ އެންމެ މެންބަރަކު ހުންނަ ގޮތަށް ދިމާވި މިއީ ފުރަތަމަ ފަހަރެވެ.