Last Updated: November 28, 04:25
Wednesday, November 27, 2024
ޚަބަރު

މާލޭގައި ދިރިނޫޅޭ މީހުންނަށް ވެސް ފްލެޓް ދީފައި އެބަހުރި

ލިއެކިއުންތަކުން ކަނޑައެޅިގެން މާލޭގައި ދިރިނޫޅޭ ފަރާތްތަކަށް ޝަރުތު ހަމަވާކަމަށް ހަދާފައި ފްލެޓް ދީފައި ހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީއަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ވަނީ ހާޒިރުކޮށްފައެވެ. އޭސީސީގެ މެންބަރުންނާއި ކޮމެޓީން ބައްދަލުކޮށްފައިވަނީ އޭސީސީގެ އެންގުމަަކަށް ފްލެޓު ދިނުން ހުއްޓުވާލާފައި އޮތުމާއެކު އެކޮމިޝަނުގެ ތަހުޤީގާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ މެންބަރުން ވަނީ އޭސީސީގެ މެންބަރުންނަށް ގިނަ ސުވާލުތަކެއް އާމާޒުކޮށްފައެވެ. އޭސީސީގެ ރައީސް އާދަމް ޝާމިލް މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިމަސައްކަތް ހުއްޓުވާފައިވަނީ އޭސީސީއަށް ޤާނޫނީ ގޮތުން ލިބިގެންވާ ބާރުގެ ތެރެއިން ކަމަށެވެ. އެގޮތުން އޭސީސީން މިމަސައްކަތާއި ގުޅިގެން އޭސީސީ 325 މީހުންގެ ޝަކުވާ ލިބިފައިވާ ކަން ހާމަކޮށްފައެވެ. އަދި މި ޝަކުވާތައް މައިގަނޑު 7 ވައްތަރަކަށް ބެހިގެންދާ ކަމަށް ވިދާޅުވިއެވެ.

މައިގަނޑު ހުށަހެޅިފައި ހުރި ޝަކުވާތަކާއި ގުޅޭގޮތުން އޭސީސީގެ ނައިބް ރައީސް އަބްދުލް ސަލާމް ކޮމެޓީއަށް މައުލޫމާތު ދެމުން ވިދާޅުވީ، މި ނިޒާމު އޮތް ގޮތުން ހުށަހަޅާ މައުލޫމާތާއިއެއްކޮށް ޕޯޓަލްއިން މާކްސް އޮޓޯއިން ޖެނެރޭޓްވާ ކަމަށެވެ.

"އެހެން ނަމަވެސް އެ މާކްސަތައް އޮޓޯ އިން ޖެނެރޭޓްވެފައި ހުންނައިރު، މާކްސް އެޕްރޫވަލް ކުރަން ހުންނަ ފަރާތްތައް. އެޕްރޫވަލްގެ މައްޗަށް ސޮއިކޮށްފައި ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި ހުރިކަން އެބަ ފާހަގަވޭ. " އަބްދުލް ސަލާމް ވިދާޅުވިއެވެ

.

މީގެ މިސާލެއްގެ ގޮތުން ހުށަހަޅާ ލިއެކިއުމުން ޝަރުތު ހަމަނުވާ ކަމަށް، ޖެނެރޭޓްވިއަސް އެޕްރޫވަލް ލެވެލްއިން އެއަށް ބަދަލު ގެނެސް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އެބަހުރި ކަމަށް އޭސީސީން ފާހަގަ ކުރެއެވެ. މީގެ އިތުރުން ދަރިން ނެތް ފަރާތްތަކަށް ޑީއެންއާރުން އެނގެން އޮންނައިރުވެސް ދަރިންގެ މާކްސް ދިނުމާއި، މާލޭގައި ދިރިނޫޅޭ ފަރާތްތަކަށްވެސް ދިރިއުޅޭ ކަމަށް ހަދާ ބަދަލުކޮށްފައި ހުރިކަން އޭސީސީން ފާހަގަ ކުރެއެވެ.

" ބައެއް ފަރާތްތަކުން ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި ހުންނަ އިރު އަޅުގަނޑުމެންނަށް ކަނޑައެޅިގެން އެބައެނގޭ ލިއެކިއުންތަކުން މާލޭގައި ދިރިއުޅޭ ފަރާތެއް ނޫންކަން. އެހެން ނަމަވެސް އެފަދަ ފަރާތްތަށްވެސް އެބަހުރި ޝަރުތު ހަމަވާ ކަމަށް ހަދާފައި ފްލެޓު ލިބިފައި. " އޭސީސީގެ ނައިބް ރައީސް ވިދާޅުވިއެވެ.

އޭސީސީން ވަނީ މަސައްކަތް މަޑު ޖައްސާލަން އެންގީ ލިސްޓުގައި ފާހަގަވި ކަންކަން އިސްލާހުކޮށްފައިވާކަން ފާހަގަ ނުވުމުން އެހިސާބުން ކަމަށެވެ. މީގެ އިތުރުން ކައުންސިލުގެ ލިއުމަކުން ހަމައެކަނި ބަލައި ވެރިފިކޭޝަންއަށް އިތުރު މަސައްކަތެއް ނުކޮށްވެސް ފްލެޓު ދީފައި ހުރުމާއި މިފަދަ ގިނަ ކަންކަން ފާހަގަވުމުން އެކަން އިތުރަށް ތަހުޤީގު ކުރަން ޖެހޭކަން ފާހަގަ ކުރެވުނު ކަމަށެވެ.