އައްޑޫސިޓީއިން ގޯތި ލިބޭ މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތުގެ ލިސްޓު މާދަމާ އިއުލާން ކުރާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.
މި ލިސްޓު އިއުލާންކުރާއިރު، ކޮންމެ އަވަށަކުންވެސް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތައް އެނގެން ހުންނާނެއެވެ. އައްޑޫސިޓީ ކައުންސިލުން އިއުލާން ކުރާ ލިސްޓުގައި ޝަރުތުހަމަވާ އެންމެން ހިމެނިފައިވާއިރު އެ ފަރާތްތަކަށް ލިބުނު ޕޮއިންޓް އަދަދު ފެންނަން އިންނާނެއެވެ. ލިސްޓު އާންމު ކުރުމާއި ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުގެ ޖަލްސާއަށް މިއަދު ހުށަހެޅުނު މައްސަލާގައި ލިސްޓު އާންމު ކުރާއިރު ބައެއް ކަންކަން ހިމެނުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މި ލިސްޓުގައި ހިމެނޭ ކުރިން ޝަރުތުހަމަވާ ނަމަވެސް ފަހުން ރާއްޖޭގެ އެހެން ސަރަހައްދަކުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތެއް ނަމަ، އެފަރާތަކަށް އައްޑޫއިން ބޯހިޔާވަހިިކަން އިތުރަށް ނުލިބޭނެ ކަން ލިސްޓުން އެނގޭނެ ގޮތަށް ހިމަނުމަށް ވަނީ ނިންމާފައެވެ.
އައްޑޫސިޓީ ކައުންސިލުން ބުނީ މިއީ އެކަން މިހާރު ޤާނޫނުގައި އޮންނަ ގޮތް ކަމަށާއި، ޝަރުތު ހަމަވާ މީހުންގެ ލިސްޓު ފައިނަލް ވުމުން އެހެން އެކި އިދާރާތަކަށް ލިސްޓު ފޮނުވައިގެން މި މައުލޫމާތު ސާފުކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި އިދާރާތަކުން އެކަމަށް ޖަވާބުވެސް ލިބިފައިވާ ކަމާށާއި، އިތުރަށްވެސް ޖަވާބު ލިބޭ މިންވަރަކުން އެގޮތަށް ފާހަގަ ވާނަމަ، ޤާނޫނުގެ ތެރެއިން އެކަން އޮންނަ ގޮތެއް އެފަރާތަކަށް އަންގާނެ ކަމަށް ކައުންސިލުން ފާހަގަ ކުރިއެވެ.
މީގެ އިތުރުން އައްޑޫ ބޯހިޔާވަހިކަމަށް 1000 ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި އާންމު ކުރި އުސޫލުގައިވާ ގޮތުގެ މަތިން ދެމަފިރިންގެ ތެރެއިން ބިން ލިބުމުގެ ފުރުސަތު ލިބޭނީ އެކަކަށް ކަން ސިޓީ ކައުންސިލުން ފާހަގަ ކުރެއެވެ. މީގެ އިތުރުން އެއް އަވަށަށް ވުރެ ގިނަ އަވަށުން ޝަރުތު ހަމަވާ ފަރާތްތަކަށް އެ ފަރާތެއް ބޭނުންވާ ކޮންމެވެސް އެއް އަވަށެއް އިހުތިޔާރު ކުރަން ފުރުސަތު ދެވޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން ވަނީ މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާ މުއްދަތުގައި އެއްވެސް ޝަކުވާއެއް ފަރާތެއް ނަމަ ވީހާ އަވަހަކަށް އެ ޝަކުވާ ހުށަހެޅުމަށް އެދިފައެވެ.
މިއަދު ބޭއްވި އައްޑޫސީޓީ ކައުންސިލް ޖަލްސާގައި ވަނީ 1000 ގޯތީގެ އިތުރުން، ސިޓީ ކައުންސިލުން ޝަރުތުހަމަވާ ކަމަށް ކަނޑައެޅި އެންމެންނަށް ގޯތި ދޭނެ ސަރަހައްދުތަކާއި އަދި ދޭނެ ގޯތީގެ ބޮޑުމިން ވެސް ކަނޑައަޅާފައެވެ. އެގޮތުން އެ ފަރާތްތަކަށް ގޯތި ދޭނީ:
- ހިތަދޫއިން ހުށަހެޅި ފަރާތްތަކަށް – ހިތަދޫ އަލަށް ހިއްކި ސަރަހައްދުން 1500 އަކަފޫޓުގެ ގޯތި.
- ފޭދޫއިން ހުށަހެޅި ފަރާތްތަކަށް – ފޭދޫ ދިރިއުޅުމަށް ގޯތި ދޫކުރާ ސަރަހައްދުގެ އިތުރުންް މަރަދޫ އަދި މަރަދޫ ފޭދޫގެ އަަލަށް ހިއްކި ސަރަހައްދުން 300 ގޯއްޗަށް ވުރެ އިތުރު ނުވާ ގޮތަށް 1500 އަކަފޫޓުގެ ގޯތި.
- ހުޅުދޫއިން ހުށަހެޅި ފަރާތްތަކަށް – ހުޅުދޫ އަލަށް ހިއްކި ސަރަހައްދުން 1500 އަކަފޫޓުގެ ގޯތި.
- މީދޫއިން ހުށަހެޅި ފަރާތްތަކަށް – މީދޫއިން އަލަށް ހިއްކަން ނިންމާފައިވާ ސަރަހައްދުން 1500 އަކަފޫޓުގެ ގޯތި.
އައްޑޫއިން 1000 ގޯއްޗަށް ފުރަތަމަ ހުޅުވާލިއިރު މި ގޯތިތަކަށް ޖުމްލަ 4160 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ޖުމްލަ 3972 ފަރާތެއް ޝަރުތު ފުރިހަމަވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. ކައުންސިލުން ވަނީ މިއެންމެންނަށް ގޯތި ދޭން ނިންމާފައެވެ.