Last Updated: November 28, 04:25
Wednesday, November 27, 2024
ޚަބަރު

އޭސީސީން ކުރަނީ ސިޔާސީ ކުލަ ޖެހިފައިވާ ތުހުމަތެއް

ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން - ފޮޓޯ: ރައީސް އޮފީސް

އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރަނީ ސިޔާސީ ކުލަ ޖެހިފައިވާ ތުހުމަތެއް ކަމަށް ނިމިދިޔަ ސަރުކާރުގެ ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް، ޕޮއިންޓަށް ބަދަލުގެނެސް ޝަރުތު ހަމަކޮށް ފްލެޓް ދީފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީގައި ބުނެފައެވެ. ފޯމުގައިވާ މައުލޫމާތަށް އޮޓޯއިން ޖެނެރޭޓްވާއިރު، ކޮމިޝަނަށް ހުށެހެޅިފައިވާ ޝަކުވާތަކުން ޕޮއިންޓް ދިންއިރު، ޕޮއިންޓްތަކަށް ބަދަލު ގެނެސްފައިވާކަން އެނގޭ ކަމަށެވެ.

މިކަމާއި ގުޅިގެން ގެދޮރުވެރިޔާ ކޮމެޓީގައިވެސް ނިމިދިޔަ ސަރުކާރުގައި އިސްވެ މަސައްކަތް ކުރެެއްވި އަކްރަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭސީސީއަށް ސިޔާސީ ކުލަޖެހިފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެގޮތުން އޭސީސީން މާލޭގައި ދިރިނޫޅޭ ފަރާތްތަކަށް ފްލެޓު ދިން ކަމަށް ބުނާއިރު، އަކްރަމް ވިދާޅުވީ ކޮންމެ ތަނެއްގައި ވަޒީފާ އަދާ ކުރިނަމަވެސް، އަނބިދަރިން މާލޭގައި ދިރިއުޅޭނަމަ ޝަރުތުހަމަވާނެ ކަމަށެވެ.

މީގެ އިތުރުން އޭސީސީއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް އަކްރަމް ތުހުމަތު ކުރައްވައެވެ.

"ޝަރުތުހަމަ ނުވާފަރާތަކަށް ގިނައިން ޕޮއިންޓް ދީގެން ޝަރުތުހަމައެއް ނުކުރެވޭނެ. އޭސީސީން ކުރައްވާ ތުހުމަތުތަކަކީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތެއް، އެހެނީ އެކަން ރަގަޅަށް ތަހުޤީގު ނުކުރައްވާ އެހެން ހާމަކުރެއްވުމަކީ މިދެންނެވި ސިޔާސީ ކުލަޖެހުން" އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިސްޓަމް ސްކޯ އަކާ ވެރިފިކޭޝަން ސްކޯއެއް ނީންނާނެ ކަމަށް ވިދާޅުވެ އަކްރަމް ވަނީ، ސިސްޓަމުން ދައްކަނީ އެޕްލިކަންޓް ނަގާފައިން އޮޕްޝަން ކަމަށް ފާހަގަކޮށްފައެވެ. އަދި ވެރިފަޔާރ ޑިސައިޑް ކުރަނީ ފޯމުގަ ދީފަހުރި މައުލޫމާތައްބަލައި އޮޕްޝަން ނަގާފަ އިނީ ރަނގަޅަށްތޯ ކަމަށާއި، ރަނގަޅު ނޫންނަމަ ފޯމުގެ މައުލޫމާތައް ބަލައި ވެރިފަޔަރ އޮޕްޝަން ޑިސައިޑްކުރާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭސީސީން މިއަދު މަޖިލީހުގައި ވިދާޅުވީ، މިޝްރޫޢުގެ ޕޮއިންޓް ދިނުމުގެ ކަންކަން ހިނގާފައިވާ ގޮތާއި ގުޅިގެން 325 މައްސަލައް އޭސީސީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުން ގިނަ ކަންކަން ފާހަގަވެގެން އެ މަސައްކަތް ހުއްޓާލުމަށް އެންގީ ކަމަށް އޭސީސީން ވިދާޅުވެއެވެ.