ހުވާ ކުރެއްވުމަށް ފަހު ބޭރު ޤައުމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން ތުރުކީއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
އެމަނިކުފާނު ތުރުކީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖެއާއި ތުރުކީ ދެމެދު އޮތް ގުޅުމުގެ އައު ބާބެއްގެ ފެށުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މީގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވެ، އިތުރު ދާއިރާތަކަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
Departing #Turkiye after an extremely successful visit.
I am confident that this new chapter of #Maldives–#Türkiye relations will result in strengthened and broader cooperation in a far wider range of areas.
My profound appreciation to H.E. @RTErdogan and the leadership of… pic.twitter.com/0GQxAHBKSF
— Dr Mohamed Muizzu (@MMuizzu) November 29, 2023
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޤާން އާއި ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ތުރުކީގެ އެކި އިދާރާތަކުގެ އިސްވެރިންނާއި ބައްދަލު ކުރައްވާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކުރެވޭނެ ދައިރާތަކާއި ގުޅޭ ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. މީގެ އިތުރުން ތުރުކީއާއި ރާއްޖެއާއި ދެމެދު ވަނީ ވިޔަފާރި ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިމަހުގެ 26 އިން 29 އަށް ތުރުކީއަށް ރައީސް ޑރ. މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ސަރުކާރުގެ އިސްވެރިން ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ގިނަ ކަންކަން ހާސިލްވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.