Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

މަންޑޭގެ މައްޗަށް 200 އަށް ވުރެ ގިނަ ދައުވާ ކުރަނީ

ހަސަން މަމްދޫހު (މަންޑޭ) ހައިކޯޓުގެ އަޑުއެހުމުގައި-

ކޭޕާކް މައްސަލައިގައި ހިމެނޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 200 އަށްވުރެއް ގިނަ ދައުވާ ކުރަން ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި މަންޑޭގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. މަންޑޭގެ މައްޗަށް ކުރާނެ ދައުވާތަކުގެ ތެރޭގައި ސައްހަ ނޫން ލިޔުމެއް އުފެއްދުން، އޮޅުވާލުން، މަނީ ލޯންޑަރިން ހިމެނެއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލައިގައި މަންޑޭގެ މައްޗަށް 5 އެއްހާ ދައުވާ ކުރަން ފޮނުވާނެ ކަމަށެވެ.

ޕީޖީން ބުނެފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ އިމާރާތުގެ އެޕާރޓްމަންޓްތަކެއް އޮޅުވާލާއިގެން އާއްމު ފަރާތްތަކަށް ވިއްކާ، ބައެއް މީހުންގެ އަތުން ނަގުދު ފައިސާއާއި، އަގު ބޮޑެތި މުދަލާއި އަދި އޮޅުވާލައިގެން ހުޅުވި އެކައުންޓަށް ގިނަ އަދަދެއްގެ މީހުންގެ ފައިސާ ޖަމާކުރާގޮތަށް ހަމަޖައްސައި، އެގޮތުގެ މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

އެގޮތުން ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައިފައިވާ ކަމަށާއި، އެއް އެޕާޓްމަންޓަކާ ގުޅިގެން ތަފާތު މީހުންނާ އެކު އެއް ފަހަރަށްވުރެ ގިނައިންވެސް އެއްބަސްވުމުގައި ސޮއިކޮށް، ފައިސާ ހޯދާފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 41 އެޕާޓްމަންޓް ޖުމްލަ 107 މީހަކަށް ވިއްކާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

މި މައްސަލައިގެ ތެރެއިން މަނީލޯންޑްރިންގެ ދައުވާ މަންޑޭގެ މައްޗަށްކުރަނީ ހުޅުމާލޭގައި ހުންނަ އެފްޑަބްލިޔު ރެސިޑެންސްއިން ގަނެފައިވާ ޕެންޓްހައުސްގެ މައްސަލައިގައެވެ. ޝަމީމް ވިދާޅުވީ ޕެންޓްހައުސްގެ ތެރެއިން ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.