Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ޝާހިލް ވަކީލުންނާ ވާހަކަ ނުދައްކާ، މައްސަލަ ހުއްޓިފައި

މިދިޔަ އަހަރު އަނިޔާވެރިކޮށް މާލޭގައި ޝިއާއު މުހައްމަދު (ޝިއާ) މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ އަލީ ޝާހިލް ދިފާއީ ވަކީލުންނަށް އެއްބާރުލުން ނުދޭތީ، މައްސަލަ ކޯޓުގައި ހުއްޓިފައި އޮތްކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ޝާހިލް އޭނާގެ ވަކީލުންނަށް އެއްބާރުލުން ނުދޭ ކަމަށެވެ. އަދި މި މައްސަލައިގައި ދައުލަތުން އޭނާއަށް އައްޔަނުކޮށްދިން ތިން ވަކީލަކު މައްސަލައިން ތަނާޒުލުވެފައިވާ ކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ދިފާއީ ވަކީލުން ޝާހިލްއާ ބައްދަލު ކުރަން ދިއުމުންވެސް ވާހަކަ ނުދައްކާ ކަމަށެވެ. ޝަމީމް ވިދާޅުވީ މި މައްސަލަ އަލުން ފަށައިގަނެ ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދު އެބައޮތްކަމަށެވެ.

ޝާހިލް، ގެ މައްޗަށްް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށޫގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާއެވެ. މީގެ އިތުރުން ވެސް ދެ ދައުވާއެއް އުފުލާފައިވެއެވެ. ނަމަވެސް އެ ދައުވާތައް ޕީޖީ އޮފީހުން އޮތީ ސިއްރު ކޮށްފައެވެ.

2022 އޮގަސްޓު މަހުގެ 6 ވަނަ ދުވަހުގެ ރޭ ހ. ޝީރީންވިލާގައި، ބައެއް ގުނަވަންތައް ވެސް ބުރިކޮށް އަނިޔާވެރިކޮށް ޝިއާ، 22، މަރާލި މައްސަލާގައި ޝާހިލް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން އޭނާ ހުރީ ބަންދުކޮށްފައެވެ. ޝިއާ އަކީ ފުވައްމުލަކަށް ނިސްބަތްވާ ޒުވާނެކެވެ.