ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފިއެވެ.
އަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މި މައްސަލައިގައި ދައުވާ ކުރަނީ ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު، ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު، އަދި ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސްއެވެ.
މި މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމާއި، އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައެވެ.