އައްޑޫއިން 1000 ގޯއްޗަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބުނު ގޮތް އައްޑޫސިޓީ ކައުންސިލުން އާންމުކޮށްފިއެވެ.
އައްޑޫސިޓީ ކައުންސިލުން މިހާރު ވަނީ އައްޑޫގެ އަވަށްތަކުން ދޫކުރުމަށް ނިންމާފައިވާ ގޯތި ލިބޭ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ލިސްޓު އާންމުކޮށްފައެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވަނީ ޑިސެމްބަރު 5 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމައަށެވެ.
ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލު ވެބްސައިޓު މެދުވެރިކޮށް އެ އަވަށަކަށް ނިސްބަތްވާ ޝަކުވާ ފޯމު ޑައުންލޯޑު ކުރައްވައިގެން، ޝަކުވާ ހުށަހެޅޭނެއެވެ. އެގޮތުން ކުރިއަށް އޮތީ ހަފްތާ ބަނދު ނަމަވެސް، ކޮންމެ އަވަށެއްގެ އަވަށު އޮފީހަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެ އަވަށެއްގެ ޝަކުވާ ފޯމުގެ ތިރީގައި ޝަކުވާ ފޮނުވަންވީ އީމެއިލް އެޑްރެސް ބަޔާން ކުރެވިފައި ވެއެވެ.
ޝަކުވާ މުއްދަތުގެ ތެރޭގައި ލިބޭ ޝަކުވާތަކަށް ރިއާޔަތްކޮށް، ގޯތީގެ ގުރުނެގުމުގެ ކުރިން ނުވަތަ ގޯތި ޙަވާލުކުރުމުގެ ކުރިން ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރުގެ ވުޒާރާއަކުން ލިބޭ އެފަރާތްތަކުގެ ބޯހިޔާވަހިކަމުގެ މަޢުލޫމާތަށް ބިނާކޮށް، މި އިޢުލާނާއެކު ޢާއްމުކުރެވޭ ލިސްޓުގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތެއްގެ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމުގެ ނުވަތަ ލިބިފައިވާ ޕޮއިންޓަށް އުނިއިތުރު އައުން އެކަށީގެންވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.
އެއީ ސަރުކާރުގެ ބޯހިޔަވާހިކަމުގެ މަޝްރޫޢުއެއްގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތަކަށް އެހެން ސަރަހައްދަކުން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް މިހާރު ޤާނޫނުގައި އޮތުމުންނެވެ.
މީގެ އިތުރުން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓެއް ކައުންސިލުން އާންމުކުރުމުގެ ކުރިން، މިހާރު ޝަރުތުހަމަވެ، ގޯތި ލިބޭ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނޭނަމަ، އެ ދެމަފިރިންގެ ތެރެއިން ގޯތި ލިބޭ ފަރާތް އުޞޫލުގައިވާ ގޮތުގެ މަތިން ކަނޑައަޅައި، ގޯތި ނުލިބޭ ފަރާތް އުނިކުރެވޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 1000 ފަރާތަކަށް ފުރަތަމަ ދިނުމަށް ކަނޑައެޅި 1000 ގޯތި ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މިއާއެކު ޝަކުވާތަކަށް ރިއާޔަތްކޮށް އަދި ގޯތި ލިސްޓަށް އަންނަ ބަދަލު ތަކާއިއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަނދުވާތާ ރަސްމީ 10 ދުވަސްތެރޭ ދާއިމީ ލިސްޓު އިއުލާން ކުރާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. އަދި އޭގެ ފަހުން ގުރުލުން ކުރިއަށް ދާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.