ފޭދޫގެ ދެ ޓީމެއް ކުޅޭ އަންހެނުންގެ ވޮލީ މެޗެއް މިއަދު ފޭދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މި މެޗަކީ ފޭދޫގެ ޖަމިއްޔާއެއް ކަމަށްވާ ދި ފޭދޫ އާ ގުޅިގެން އުފައްދާފައިވާ ފޭދޫ މާދެލަ ފަންނުގެ އަންހެން ވޮލީ ޓީމަކާއި ފޭދޫ މަގުއްދޫބުރި އަށް ނިސްބަތްވާ ޓީމަކާ ދެމެދު ކުޅެވޭ މެޗެކެވެ.
މެޗް އޮންނާނީ ފޭދޫ ފްލެޓް ސަރަހައްދުގައި އަޅާފައިވާ ވޮލީ ކޯޓްގަ އެވެ. މެޗް ފަށަން ހަމަޖެހިފައި ވަނީ ހަވީރު 4:00 ގަ އެވެ.
މެޗް ކުޅެން އިސް ނެގި ދި ފޭދޫގެ އަންހެން ވޮލީ ޓީމްގެ ފަރާތުން "އައްޑޫ ލައިވް" އާ މިއަދު ވާހަކަ ދެއްކި އާމިނަތު ޝަފީނާޒް ބުނީ މި މެޗްގެ މަގުސަދަކީ އަންހެނުންގެ ވޮލީ ދިރުވަން ބާރު އެޅުން ކަމަށެވެ.
"ކުރިއެކޭ އެއްގޮތަށް ފޭދޫގައި ވޮލީގެ ފޯރި އޮތް ގޮތަށް އަލުން އަންހެނުންގެ ވޮލީ ދިރުވައި އާލާ ކުރުން ހަގީގަތުގައި އަޅުގަނޑުމެންގެ މަގުސަދަކީ،" އޭނާ ބުންޏެވެ. "އަޅުގަނޑުމެން ދުވަސްތަކެއް ވެއްޖެ ފްލެޓް ކައިރީގައި ކޯޓެއް އަޅައިގެން ވޮލީ ކުޅޭތާ. މިކަމަށް ދި ފޭދޫގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބޭ."
އޭނާ ބުނީ އަންހެން ޓީމްތައް ނިކުމެ މެޗްތައް ކުޅެން ފެށުމުން، ޓިމްތައް އުފެދި ވޮލީގެ ފޯރި ގަދަ ވާން ފަށާނެ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.
"މިހާރު ވެސް އިތުރު ޓީމްތަކެއް އުފެއްދުމަށް ވާހަކަތަކެއް ދެކެވެމުން އަންނަ ކަމަށް މައުލޫމާތު ލިބެނީ. އެހެންވެ އަޅުގަނޑުމެން އުންމީދު ކުރަނީ ޓީމްތައް އިތުރުވެގެން ދިއުމުން ކުރިއަށް އޮތް ތަނުގައި މުބާރާތްތައް ވެސް ބޭއްވި އަންހެނުންގެ ވޮލީ ފޯރި ކުރިއެކޭ އެއްގޮތަށް ވަރަށް ބޮޑަށް ވައިގައި ހިފައިގެން ދާނެ ކަމަށް،" ޝަފީނާޒް ބުންޏެވެ. "މިއަދުގެ މެޗް ވީހާ ވެސް ގިނަ ބަޔަކު ބަލާލަން ދިއުމަކީ ވެސް އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް."
އައްޑުއަކީ 1990 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 2000 ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް އަންހެނުންގެ ވޮލީ އާދަޔާހިލާފަށް ފޯރި ގަދަ ސަރަހައްދެއްކަން ފާހަގަކޮށްލެވެ އެވެ.
އެގޮތުން ގިނަ ޓީމްތައް ބައިވެރިވާ މުބާރާތްތައް ބާއްވައި، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް އައްޑޫގެ ޓީމްތައް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ.
އެ ދުވަސްވަރު ގައުމީ ފެންވަރުގެ އަންހެން ވޮލީ ކުޅުންތެރިންތަކެއް ވެސް އައްޑޫން އުފެދިގެން ދިޔަ އެވެ.