ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ މާދަމާ ހެނދުނަށް ތާވަލު ކޮށްފިއެެވެ.
މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 ގައެވެ.
ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ޤަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
50 މެންބަރުންގެ ސޮޔާއެކު އީވާ ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، މައްސަލައިގެ ނޯޓިސް އީވާއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ މައްސަލައިގައި ޖަވާބު ދާރީވުމަށް އީވާއަށް 30 މިނެޓްގެ ފުރުސަތެއް ދިނުމަށެވެ.
އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. މިއީ އޭނަ ވަކިކުރުމުގެ މައްސަލަ ހުށަހެޅި ދެވަނަ ފަހަރެވެ. ކުރިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގައެވެ.