Last Updated: November 30, 06:26
Saturday, November 30, 2024
ޚަބަރު

ޕީއެންސީގެ ސެނެޓް މެންބަރަކު ވަކިވެއްޖެ

ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ސެނެޓް މެންބަރެއް ކަމަށްވާ ޑރ. އަބްދުﷲ އިބްރާހީމް އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.

އޭނަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވ ސިޓީއެެއްގައި ވިދާޅުވީ ޕީއެންސީގައި މަސައްކަތް ކުރެއްވީ ދިވެހި ގައުމިއްޔަތާއި އިސްލާމީ ރިވެތި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބެއްލެވުމުގެ ދަށުން ހިންގަވަމުން ގެންދެވި ޕާޓީއަކަށްވާތީ ކަމަށެވެ.

ނަމަވެސް ފާޅުގައި ރައީސް ޔާމީންގެ އަތުން ޕީޕީއެމް ވެސް ފޭރިގަނެގެން ޖާހިލިއްޔަތާއި ހަސަދަވެރިކަމާއި އަދާވާތްތެރިކަން އިސްކުރާ ފަރާތެއްގެ އަމިއްލަ އެދުންތައް ހާސިލުކުރުމާއި ގައުމިއްޔަތުގެ ތަނބުތައް ފުނޑުފުނޑުކޮށްލުމަށްޓަކައި ގަސްތުގައި ޑިމޮކްރެޓިކް ހަމަތަކުގެ ބޭރުން ރައްޔިތުންގެ ވިންދާ ދެކޮޅަށް ވަކި މީހެއްގެ ދަށަށް ޕާޓީ ގެންގޮސްފައިވާ ކަމަށެވެ.

އެހެމްވެ މިހާތު ޕީއެންސީގައި ހުންނެވުމަކީ އިސްލާމީ ރިވެތި އުސޫލުތައް ނެގެހެއްޓުމާއި އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި ގައުމިއްޔަތުގެ ރުކުންތައް ނަގަހައްޓައި ދެމެހެއްޓުމަށް ރައީސް ޔާމީންގެ ސިޔާސަތުގެ ތެެރެއިން އޭނާ ވަކާލާތުކުރަމުން އައި ރޫހާ ހިލާފު ކަމަކަށްވާތީ ޕާޓީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

އޭނަ މިހާރު ގެންދަވަނީ ޔާމީން އުފައްދަވަން މަސައްކަތްކުރައްވާ ޕީޕަލް ނެޝަނަލް ފްރޮންޓް ޕީއެންއެފް) އަށް ޕާޓީ އަށް މެމްބަރުން ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ.