Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ރައީސް މުއިއްޒާ އެކީ ސާބިތުވެ ތިބޭނަން

ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ އަދި ކޮޕް 28 ކޮންފަރަންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް މަރުހަބާ ދަންނަވާ، އެމަނިކުފާނާއެކު ސާބިތުވެ ތިބޭނެކަން ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހާމަކޮށްފިއެވެ.

ޕީޕީއެމް ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ރަސްމީ ފުރުތަމަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވި ކަމަށްޓަކައި އެމަނިކުފާނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

ރައީސްގެ މި ދަތުރުގައި ތުރުކީ އަދި ތަފާތު އެކި ޤައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވާ އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމުގެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރައްވާފައިވާ ކަމަށް ޕީޕީއެމް ޕީއެންސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މަޝްވަރާތަކުގެ ތެރޭގައި ދިވެހި ރައްޔިތުން ދިވެހިރާއްޖެއަށް ބޭނުންވާ ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގެވުމުގައި އެޤައުމުތަކުގެ އެހީތެރިކަން ހޯއްދެވުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދަވާފައިވާ ކަމަށް ފާހަގަކުރައްވާފައިވެއެވެ.

"އަޅުގަނޑުމެން އެދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދިވެހީން ބޭނުންވާ ތަރައްޤީ ހޯއްދެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްޕުޅުތަކެއް ކަމުގައި ވެގެން ދިއުމެވެ. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި މިކޯލިޝަންގެ އެންމެހާ މެންބަރުން އެމަނިކުފާނާ އެކު ސާބިތުވެ ތިބޭނެ ކަމުގެ ޔަޤީންކަން މިފުޞަތުގައިވެސް އަރުވަމެވެ." ޕީޕީއެމް ޕީއެންސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ރައީސް މުއިއްޒު ކޮޕް 28 ކޮންފަރަންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި އަންނަނީ އެކި ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވަމުންނެވެ.