Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އީވާ ވަކިކުރުމުގެ ޖަލްސާ ފަށައިފި

ނައިބުރައީސް އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާކުރި ޖަލްސާ ފަށައިފިއެވެ.

އީވާ ނައިބުރައީސްގެ މަގާމުން ވަކިކުރުމަށް ބާއްވާ ޖަލްސާ ފަށާފައިވާއިރު، ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މި ގަރާރުގެ ބަހުސްގެ ވަގުތަކީ 2 ގަޑިއިރު ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ދިފާއުގައި ވާހަކަ ދެއްކުމަށް ބަހުސް ފަށާއިރު 30 މިނެޓުގެ އެއް ފުރުސަތު ދިނުމަށް ނިންމާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

50 މެންބަރުންގެ ސޮޔާއެކު އީވާ ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، މައްސަލައިގެ ނޯޓިސް އީވާއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. މިއީ އޭނަ ވަކިކުރުމުގެ މައްސަލަ ހުށަހެޅި ދެވަނަ ފަހަރެވެ. ކުރިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގައެވެ.