އިތުބާރު ނެތްކަމަށް ހުށަހަޅާ ނައިބުރައީސްގެ މަގާމުން ވަކިކުރަން އުޅެނީ ވެރިކަން ގެއްލުމުން ދޭ އަަދަބެއްގެ ގޮތުން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިފަދައިން ވިދާޅުވެފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ނައިބުރައީސް ކަމަށް އޭނާ ނާގާބިލު ކަމަށް އެއްވެސް ޕާޓީއަކަށް އަދި އެއްވެސް މެންބަރަކަށް ނުބުނެވޭނެ ކަމަށެވެ. އަދި ނައިބުރައީސްކަން ކުރުމުގައި ޤާނޫނުއަސާސީއާ މަޖިލީހުގެ ގަވައިދާ އަދި އެއްވެސް ގާނޫނަކާވެސް ހިލާފުވެފައިނުވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމަލާވެސް ހިލާފުވެފައިނުވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ބުނީ ނައިބުރައީސް އުޒުރުވެރިވާނަމަ އެހެން މެންބަރަކާ ހަވާލުކޮށްގެން ޖަލްސާ ކުރިއަށް ގެންދިއުމަށް ކަމަށާއި، އެހެންނަމަވެސް ޖަލްސާއަށް ހާޒިރުވެ އިންނަވަނިކޮށް އެހެން މެންބަރަކާ ހަވާލުކޮށްގެން ޖަލްސާ ކުރިއަށް ގެންދިޔައީ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ސުޕްރީމް ކޯޓުގެ ހުކުމަކާ ހިލާފުވެފައެއް ނޯންނާނެ." އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމަށް ހުށަހެޅީ "ނާގާބިލު ކިބުރުވެރި ސަރުކާރެއް" މާބޮޑަށް ނުރުހުމުން ކަމަށެވެ. އަދި މިކަމަކީ އެމްޑީޕީ ސަރުކާރާ ނުރުހިގެން ބަސްބުނާތީ ދޭ އަދަަބެއް ކަމަށާއި، މިއީ ވެރިކަން ގެއްލުނީމާ ދޭ އަދަބެއް ކަމަށް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ ވެންޓިލޭޓަރު މައްސަލަ ބެލުމަށް ގޮވާލުން، ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ގޮވާލުން، ފޮރިން ޔޫޒަބަލް ރިޒާވްގެ މައްސަލަ، އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލަތައް ބެލުމަށް ގޮވާލުން އަދި ބަލަންބުނި މަރުތަކުގެ ވާހަކަ އޭނާ ދެއްކުމުން އެމްޑީޕީގެ ވެރިކަމުން ދިމާކުރާނެކަން އެނގުނު ކަމަށެވެ.
ވެރިކަން ލިބުނުހިސާބުން އެމްޑީޕީގެ އަސާސްތައް މަތިން ހަނދާން ނައްތާލި ކަމަށާއި ވައްކަމަށް ޖާގަދީ، އެމްޑީޕީގެ އާންމު މެންބަރުންނަށް ކެހިދިން ކަމަށެވެ.
"ހަގީގަތަކީ އެ ވައްކަމުގެ ހާލީގައި އަޅުގަނޑު ތާށި ނުކުރެވުނީ، އެ ވައްކަމުގެ ހާއްޔަށް އަޅުގަނޑު ގަންބާ ނުލެވުނީ. އެއީ އެމްޑީޕީން މިއަދު އަޅުގަނޑަށްދޭ މިދޭ އަދަބަކީ." އީވާ ވިދާޅުވިއެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ވާހަކަ ދައްކާ މީހާއަށް އަދަބު ދެވިދާނެ ކަމަށާއި އަދި ވެރިކަން ގެއްލުމުގެ އަދަބުވެސް އޭނާއަށް ދެވިދާނެ ކަމަށެވެ. އެހެންނަމަވެސް ވެރިކަން ގެއްލުނީ ބަޔަކު ދެއްކި ވާހަކައަކުން ނޫން ކަމަށާއި ވެރިކަން ގެއްލުނީ އަމިއްލައަށް ކުރެވުނު ކަންކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.