ބައެއް މީހުން މަޖަލަކަށް ހަދާފައި ވެސް ކުރާ ސުވާލެކެވެ؛ ތުވާލި ބޭނުން ކުރަނީ ފެންވަރައި، ސާފުވެގެން ކަަމަށްވާތީ ތުވާލި ހަޑި ވަނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު އެއްފަރާތްކޮށްލަމާ ހިނގާށެވެ. ތުވާއްޔަކީ ކޮންމެ ދުވަހަކު ބޭނުން ވެސް ކުރާ އެއްޗެކެވެ. އެތައް ފަހަރަކު އެވެ. ތުވާއްޔަކީ ހަމައެކަނި ފެންވެރުމަށް ފަހު ބޭނުން ކުރާ އެއްޗެއް ނޫނެވެ. ފާހާނާ އަށް ވަންނަ ކޮންމެ ކަމެއްގައިހެން ތުވާލި ބޭނުން ކުރެވެ އެވެ. އެހެންވެ ތުވާލި ހަޑިވާނެ މިންވަރާ މެދު ވިސްނައިލާށެވެ.
ހާއްސަކޮށް ބޮޑުކަމުގޮސްފައި ސައިބޯނި ލައިގެން ރަނގަޅަށް އަތް ނުދޮވެ، ތުވާލި ބޭނުންކުރާ ނަމަ ތުވާލި ޖަރާސީމުގެ ހާއްޔަކަށް ވެދާނެ އެވެ. ވަކިން ހާއްސަކޮށް ތުވާލި އިތުރު މީހަކާ ޝެއާކުރާ ނަމަ މިކަމަށް ވަކިން ބޮޑަށް ވިސްނަން ޖެހޭނެ އެވެ. ފަރުވާ ބަހައްޓަންވީ ކަމަކީ އަބަދު ވެސް ތުވާލި ސާފު ތާހިރުކޮށް ގެންގުޅުމެވެ.
އެހެންވެ ސުވާލަކީ ތުވާލި ދޮންނަންވީ ކިހާ އަވަހަކަށް ހެއްޔޭ އެވެ؟ މި ސުވާލަށް އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓަ ޔުނިވަސިޓީގެ މެޑިކަލް މައިކްރޮބައޮލޮޖީގެ ސީނިއާ ލެކްޗަރާ މަނާލް މުހައްމަދު ދެއްވާ ޖަވާބަކީ މިއެވެ؛ ތުވާލި މަދުވެގެން ހަފުތާ އަކު އެއް ފަހަރު ދޮންނާށެވެ.
އޭނަ ދެއްވާ އިރުޝާދަކީ ވެގެންވާ ނަމަ ތުވާލި އިތުރު މީހަކާ ޝެއާ ނުކުރުމެވެ. އަދި ފާހާނާކޮށްފައި ނުކުންނަ ކޮންމެ ވަގުތަކު ރަނގަޅަށް އަތް ދޮވެފައި ނޫނީ ތުވާލީގައި އަތްނުލުމެވެ. މަނާލް ވިދާޅުވި ގޮތުގައި ތުވާއްޔަކީ އޭގެ ޒާތުގައި ވެސް ފަސޭހަ ޖަރާސީމު ހަރުލާ ކަހަލަ މެޓީރިއަލްއަކަށްވާތީ ތުވާލި އަށް ބަހައްޓާ ފަރުވާ ބޮޑުވާން ޖެހޭނެ އެވެ. ސަބަބަކީ ތުވާއްޔަކީ ގިނަ ފަހަރަށް ތެތްކޮށް އޮންނަ އެއްޗަކަށްވުމެވެ. މީގެ ސަބަބުން ޖަރާސީމު އަށަގަތުން ފަސޭހަވުމާއި ތުވާލިން ނުބައި ވަސް ދުވުން ފަދަ ކަންކަން ދިމާވާނެ އެވެެ.
އެހެންވެ ތުވާލި ބޭނުންކޮށްފައި އެ ފަސޭހަ އިން ހިކޭ ކަހަލަ ތަނެއްގައި ބޭއްވުން ބުއްދިވެރި ކަމަށް މަނާލު ވިދާޅުވި އެވެ. އަތުޖެހުނު ކޮންމެ ތާކަށް ތުވާލި އުކައިލުމަކީ ތަހުޒީބު ގޮތެއް ވެސް ނޫނެވެ.
ހަފުތާ އަކު އެއް ފަހަރު ތުވާލި ދޮންނަން އިރުޝާދު ދިނުމަކުން ކަންބޮޑުވާކަށް ނުޖެހެ އެވެ. ސަބަބަކީ އާންމު ގޮތެއްގައި ގިނަ މީހުންނަކީ ހަފުތާގެ އެއް ދުވަސް ތަކެތި ދޮންނަން ހާއްސަ ދުވަހަކަށް ހެދުމެވެ. އެގޮތުން ދިވެހިންނަކީ އާންމު ގޮތެއްގައި ހުކުރު ދުވަސް ޗުއްޓީ ދުވަހަކަށްވުމާ އެކީ ގޭތެރެ ސާފުކުރަން ކުރާ މަސައްކަތްތަކާ އެކީ އެއްޗެހި ދޮންނަން ވެސް ހާއްސަ ދުވަހެއްގެ ގޮތުގައި ބޭނުން ކުރާ ދުވަހެކެވެ.
އެހެންވެ އެއްޗެހި ދޮންނަ ދުވަހު ތުވާލި ވެސް ދޮވެލަންވީ އެވެ. ރަނގަޅަށް ސޮފްނާ ލައިގެން ދޮވެލުމުން ތުވާލީގައި މީރު ވެސް ވެސް ހުންނާނެ އެވެ. ދެން ސަމާލުކަން ދޭންވީ ކަމަކީ ތުވާލި ހިކޭ ކަހަލަ ތަނެއްގައި ބޭއްވުމެވެ. އެހެން ނޫން ކަމަށްވާ ނަމަ ކުރިން ވެސް ފާހަގަކުރި ގޮތަށް ޖަރާސީމުތައް އަށަގަތުން ފަސޭހަވުމާއި ތަތްމުޑުވަން ދުވަސް މަގުފަހިވާނެ އެވެ.
ތުވާލި ނުދޮވެ ގިނަ ދުވަހު ބޭނުން ކުރާ ތިމާގެ ސިއްހަތު އެ ވައްޓައިލެވެނީ ނޭނގި ނަމަވެސް ނުރައްކަލުގެ ތެރެއަށެވެ. އެހެންވެ ސާފު ތާހިރުމަށް ދޭ ސަމާލުގެ ތެރޭގައި ތުވާއްޔަކީ އިހުމާލުކޮށްގެން ވާނެ އެއްޗެއް ނޫނެވެ.