ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އިންތިހާބުގެ ނަތީޖާ ނުލިބި ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ބާއްވާފައިވަނީ އިއްޔެއެވެ. އެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް އޮތްނަމަވެސް، މިހާތަނަށް އައިއިރުވެސް އިންތިހާބުގެ ވަގުތީ ނަތީޖާވެސް ޕާޓީން ހާމަކޮށްފައެއްނުވެއެވެ.
އެކަމާ މެދު ކަންބޮޑުވުންފާޅުކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ، އިންތިހާބުތަކަށް ކުރިމަތިލަނީ އިންތިހާބުގައި މޮޅުވާ ފަރާތަކާއި ބަލިވާ ފަރާތެއް ވާނެކަން އެނގިތިބެ ކަމަށެވެ. ބައެއް އިންތިހާބުތަކުގައި ކާމިޔާބުވި ކަމަށާއި ބައެއް އިންތިހާބުތަކުގައި ނާކާމިޔާބުވިކަން ފާހަގަކޮށް އަމްރު ވިދާޅުވީ އިންތިހާބަކުން ބަލިވިނަމަވެސް ޝަކުވާ ނުކުރާކަމަށެވެ.
އަމްރު ވިދާޅުވީ އޭނާއަކީ ސިޔާސީ މަސައްކަތުގައި ދޫދޭންޖެހޭ ތަންތާންގައި ބޮޑުކޮށް ދޫދޭމީހެއްކަމަށެވެ.
"އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް އަޅުގަނޑު ނުނިކުމެ ފަހަތަށް ޖެހުނިން. ޑިމޮކްރެޓްސްގެ ޕާޓީ ކެންޑިޑަސީއަށް ވާދަނުކޮށް ފަހަތަށް ޖެހުނިން. މަސްލަހަތަށްޓަކައި ފަސްޖެހުމަކީ އަޅުގަނޑު ނުކުރާ ކަމެއް ނޫން." އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ކަމެއް ގޯހުންދާނަމަ އެވާހަކައެއްވެސް ސީދަލަށް ބުނާނެ ކަމަށާއި އެކަންކުރަނީ އެންމެންގެވެސް ރަނގަޅަކަށް ކަމަށެވެ. މި އިންތިހާބުގެ ނަތިޖާއާމެދު ހިތްހަމަނުޖެހޭކަން ފާހަގަކޮށް އަމްރު ވިދާޅުވީ އިތުރަށް އެ ނަތީޖާއާމެދު އެއްވެސް އެއްޗެއް ނުބުނާނެ ކަމަށެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު އިއްޔަ ބޭއްވިއިރު، ޕާޓީގެ ރައީސްގެ މަގާމަށް އަމްރުއާ ވާދަކުރެއްވީ މެންބަރު ހަސަން ލަތީފެވެ. އަދި ހަސަން ރޭގެ ވަގުތެއްގައި ވަނީ އިންތިހާބު ކާމިޔާބު ކުރެވުނުކަން އިއުލާނު ކޮށްފައެވެ.