Last Updated: November 23, 13:49
Saturday, November 23, 2024
ރިޕޯޓް

ޔާމީނަކަސް ނަޝީދަކަސް ގޯހެއް ވާނީ ގޯހަަށް

ރައީސް ނަޝީދު ތޭރަ އަހަރަށް ޖަލަށް ލުމަށް ކޯޓުން އިއްވި ނިޔާ އިންސާފުވެރިކަމަށް އަހުރެން ގަބޫލެއް ނުކުރަމެވެ. މިހެން ބުނީމާ ދެން އަހުރެންނަކީ ނަޝީދުގެ ސަޕޯޓަރަކަށް ހެދިޔަސް ވަރިހަމަ އެވެ.

ނަޝީދުގެ ވެރިކަމުގައި ހުރިހާކަމެއް ހިނގާފައިވަނީ ރަނގަޅަށް ކަމަށް ވެސް އަހުރެން ނުދެކެމެވެ. މިހެން ބުނީމާ އަހުރެން މިއީ ސަރުކާރަށް ވިކި ހުސްވެފައި ހުރިމީހަކަށް ހެދިޔަސް މައްސަލައެއް ނެތެވެ.

އަހުރެންގެ އަޚުންނޭވެ. ކަންތައް ހިނގާ ނުހިނގާގޮތް ބަލައި ބުއްދީގެ ތަރާދުން ކަންކަން މިނެ ކިރުމުގެ އާދަ ގެންގުޅެން ފަށާކަށް ނުވޭ
ހެއްޔެވެ؟
އެހެން ނޫނީ ރައްޓެހިންނާއި އަރާރުންވެ ކޮންމެވެސް ޕާޓީއެއްގެ ފިކުރުގައި ދެކޮޅު ނުޖެހޭ ބަހުސްތަކުގައި ޝާމިލުވެގެން ތިބުން ފިޔަވައި އެހެން ކަމެއް ކުރެވޭތަނެއް ނާންނާނެއެވެ. މިއީ އެންމެންގެ ވެސް ގައުމެވެ. އަސުރުމަލުގެ ގައުމެވެ. ޗަމްޕާޕޫލުމަލުގެ ވެސް ގައުމެވެ. ގައުމު ގައުމަކަށް މިވަނީ މިހުރިހާ މަލުގެ ވަސް މަސްހުނިވުމުންނެވެ. އަހުރެމެން ރުހުނަސް ނުރުހުނަސް ހަގީގަތަކީ މިއެވެ.

anni-yamin-395x276

ދެހާސް ތޭރަވަނަ އަހަރު އިންތިޚާބުވި ރައީސްގެ ވެރިކަމުގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށް މަހުގެ ތޭރަވަނަ ދުވަހުގެ ރޭ ތޭވީސްގަޑި ތޭރައިގައި ތޭރަ އަހަރުގެ ހުކުމެއް ތޭރަ މިނިޓުގެ ބަޔާނަކުން އިއްވައި ހަމައެރޭމެ ތޭރަ މީހުން ހައްޔަރުކޮށް ހުރިހާ ކަމެއް ތޭރައިން ނިންމާލި ނިންމާލުމަކީ އިންސާފެކޭ ބުނާނީ އިންސާފަކީ ކޯޗެއްކަން ނޭނގޭ މީހެކެވެ. އަދި މިހުރިހާ އަދަދުތަކަކީ އިއްތިފާގެކޭ ބުނާނީ ވެސް ހަމަވިސްނުމަކުން ވިސްނަން ނޭގޭ މީހެކެވެ.

ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ކަންކަން ހިނގައި ދިޔަ ގޮތް ބަރާބަރުކަމަށް ދުށުމަކީ ވެސް ހަމަ މިފަދަ ކަމެކެވެ. އަބްދުﷲ ގާޒީ އަކީ ދިވެހި ގައުމަށް ފާވި މުސީބާތެއް ފަދަ މީހެކެވެ. އެކަމަކު މައްސަލައަކީ އޭނާ ހައްޔަރުކުރެވުނު ގޮތެވެ. ނަޝީދުގެ ވެރިކަމުގައި ހައްޔަރު ކުރެވުނީ ހަމައެކަނި އަބްދުﷲ ގާޒީއެއް ނޫނެވެ. ޑރ ޖަމީލު ހައްޔަރުކުރެވުނެވެ.

ސަންދާނު އަހަންމައިދީ އާއި ޑރ. ހަސަން ސައީދު ފަދަ ބޭފުޅުން ދޭތެރެ އަވަސްކޮށް ފުލުސް އޮފީހަށް ހާޒިރު ކުރެވުނެވެ. ޔާމީނާއި ގާސިމް ވެސް ހައްޔަރުކުރެވުނެވެ. އަދިވެސް ކިތަންމެ ބައެކެވެ.

އޭރު އަސްރުމަލުގެ އަހުލުވެރިންވެސް ބުނަމުން ދިޔައީ ހޯހޯއޭ އެވެ. ގާނޫނުއަސާސީގައި އޮތީ ތިޔަހެން ނުހެދޭނެޔޭ އެވެ. ޗަމްޕާޕޫލުމަލުގެ
އަހުލުވެރިން ގޮވަމުން ދިޔައީ ބަޑި އާއި ބިޑިވެސް ހުރީ ތިމަންނާމެންގެ އަތުގައޭ ލުނބޮޔަކުން ހުތް ފެލާލިގޮތަށް ފެލައިލާނަމޭ އެވެ. ކޯޓުގައި ބޮޑު ތަޅު އެޅުވި އެވެ. އުއްތަމަ ފަނޑިޔާރުގެ ކާރު އަތުލައި ސައިޒު ކުރި އެވެ.

މިހެން ގޮސް ކިތަންމެ ކަމެކެވެ. އެއް ބަޔަކު ގާނޫން އަސާސީގެ ވާހަކަ ދައްކަމުންދިޔައިރު އަނެއްބަޔަކު ދައްކަމުންދިޔައީ
ލިބިފައިވާ ބާރާއި އިޚުތިޔާރުގެ ވާހަކައެވެ.

މިހާރު މިފެންނަނީ ކޮން މަންޒަރެއް ބާވައެވެ؟ މިހާރުވެސް ހަމަ އެމަންޒަރެވެ. އެކަމަކު ކޮޅު އޮތީ ބަދަލުވެފައެވެ. މިކަމުން އަހުރެންނަށް
ލިބުނު ފިލާވަޅަކީ ދިވެހިން ގާނޫނުއަސާސީގެ މަތިން ހަނދާންކޮށް ހެއްދެވި ފަރާތުން ވާގި ލިބިގަތުމުގެ ވިސްނުން ގެންގުޅެނީ އަނިޔާލިބި ނިކަމެތިކަން އިހުސާސްވާ ދަނޑިވަޅުގައި ކަމެވެ.

އަތުގައި ކިރިޔާ ވެސް ބާރެއް އޮތިއްޔާ ބޮޑާވެގަތުމާއި އެ ބާރެއް ނުހަމަގޮތުގައި ވިޔަސް ދެއްކުމަކީ އެންމެ އިސްކަންތައް ކަމެވެ.

ކަތުންނޭވެ. މިދައްކަނީ މާއިހުގެ ވާހަކައެއް ނޫނެވެ. މިއީ އިއްޔެއާއި މިއަދުގެ ވާހަކައެވެ. ހާލަތު ބަދަލުވުމަކުން މި ހަނދާންތައް
ކެހިގެންދާކަށް ނުޖެހެއެވެ. މާދަމާ އަނެއްކާވެސް ހާލަތު ބަދަލުވެދާނެއެވެ. ބާރު ގެއްލި ނިކަމެތި ވެދާނެ އެވެ.

ގާނޫން އަސާސީން ލިބިދޭ ހައްގުތަކަށް ބަރޯސާކުރަން ޖެހިދާނެއެވެ. އެދުވަސް އައުމުން ތިޔަބައިމީހުންގެ ވާހަކަ އޮށްޓަރުހުރި ވާހަކައަކަށް ވަނީ ބާރު އޮވެފައި ތިޔަބައިމީހުން އެ ހައްގުތަކަށް އިއުތިރާފް ވެފައިވާނަމަ އެވެ. އެހެން ނޫނީ ތިޔަބައި މީހުންގެ އާދޭސްތައް އަޑުއިވުނީމާ އަނެއް ބަޔަކު ހިނި އަންނަ ގޮތް ވެދާނެ އެވެ.

މީހުންނާއި ނުފޫޒާއި ފައިސާއަށް އަޅުދާސްވުމަކީ ދެރަކަމެކެވެ. ބާތިލްކަންތައް ހައްގުކަމުގައި ހަދަން އުޅުމަކީ އަދި އެއަށް ވުރެ
ދެރަކަމެކެވެ. ޔާމީނު ކުރިއަސް ނަޝީދު ކުރިއަސް ގޯހެއްވާނީ ގޯހަކަށެވެ.

އެވަރު ދެނެގަންނަން ނޭނގި ގައުމުގެ މަސްލަހަތަށް ވުރެ އެހެނިހެން މަސްލަހަތުތައް އިސްކުރެވޭ ކަމުގައި ވާނަމަ މިވަޅުގަނޑުން އަރައިގަނެވޭ ތަނެއް ނާންނާނެއެވެ. އޭގެ ގެއްލުމާއި ހަލާކު އޮތީ ހަމަ އަހުރެމެންނަށެވެ.

ދެން މިލިޔުން ކިޔާފައި އަހުރެންގެ ބޮލުގައި ޒާތްޒާތުގެ އިލްޒާމު އަޅުވައި ހެއްދެވި ނެހެއްދެވިއަށް ގޮވައި އަމަޔާއި ބަފަޔާއި ބެހި
އަނބިދަރީންގެ ކަރާމާތަށް އަރައިގަތަސް އަހުރެންނަށް ވަރިހަމަ އެވެ.

މިއީ ވަކިފިކުރެއް ވިއްކަން ނުވަތަ ވަކި މީހެއްގެ އޮފް ކަނޑުވާލައި ވަކި މީހެއްގެ އޮފް ގަދަކުރުމުގެ ނިޔަތުގައި ލިޔުނު ލިޔުމެއް ނޫންކަން އަހުރެން ހައްދަވައި ބޮޑުކުރެއްވި އިލާހު ދެނެވޮޑިގެންވެ އެވެ.