ރާއްޖޭގެ ސިޓީތަކުން މިހާރު ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ކުރިއަށް ވުރެ އަވަސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ވީހާ ވެސް ލުއި ފަސޭހަކަމާއެކު ދިނުމަށްޓަކައި އިމިގްރޭޝަންގެ ސަރަހައްދީ އޮފީސްތަކުން ޕާސްޕޯޓު ދޫކުރުން ދެގުނަ އަވަސްކުރުމަށް ކޮންޓްރޯލަ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މީގެ ކުރިން އައްޑޫ އޮފީހަށް ޕާސްޕޯޓު ފޮނުވަމުން ދިޔައީ ހަފުތާއާއެކު ދެ ދުވަހު ކަމަށާއި މިހާރު ގެނައި ބަދަލާ އެކީ ހަފުތާއަކު ހަތަރު ދުވަހު ޕާސްޕޯޓު ފޮނުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުޅުދުށްފުށްޓާއި ފުވައްމުލަކާއި ތިނަދޫ އިމިގްރޭޝަން އޮފީހަށް ކުރިން ޕާސްޕޯޓު ފޮނުވަމުން ދިޔައީ ހަފުތާއާއެކު އެއް ދުވަހު ނަމަވެސް ދެން ހަފުތާ އަކު ދެ ދުވަހު ޕާސްޕޯޓް ފޮނުވާނެ އެވެ.
އިމިގްރޭޝަނުން ބުނީ މިބަދަލާ އެކީ ޕާސްޕޯޓް ލިބެން ނަގާ މުއްދަތު އަވަސްވެގެން ދާނެ ކަމަށާއި މިއީ ރައްޔިތުންނަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށެވެ.
އެތަނުން ބުނީ ކުރިއަށް އޮތް ތަނުގައި އިތުރު އަތޮޅުތަކަށް ވެސް މި ހިދުމަތް ފުޅާކުރާނެ ކަމަށެވެ.