އަންނަ މަހުން ފެށިގެން ހުކުރު ދުވަހުގެ ހުކުރު ނަމާދު ރާއްޖޭގެ ޓީވީތަކުން ވަގުތު ދައްކާ އިިރު، ހުކުރު ޙުތުބާގެ އިނގިރޭސި ތަރުޖަމާ ގެނެސްދޭން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މި ގޮތަށް ނިންމީ މާލޭގައި ގިނަ އަދަދެއްގެ ބިދޭސީ މުސްލިމުން އުޅޭތީ މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި ހުކުރު ދުވަހުގެ ޙުތުބާ އިނގިރޭސިން ކިޔުމާ މެދު އާންމުންގެ ހިޔާލަށް މިދިޔަ ހުކުރު ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ހުޅުވާލުމަށް ފަހު އެވެ.
މިކަމާ ގުޅިގެން ޝަހީމު މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓް ބައްދަލުވުމުގައި ޚުޠުބާގެ ކަންކަމުގައި މަޝްވަރާކުރުމަށް ފަހު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މިސްކިތްތަކުގައި ޚުޠުބާތައް ގެންދާނީ ދިވެހި ބަހުން ކަމަށް ވިދާޅުވި އެވެ. އަދި ޚުޠުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހައްދަވާނެ ކަމަށާއި ލައިވްކޮށް ޓީވީން ޚުތުބާ ގެނެސްދޭ ވަގުތުގައި އިނގިރޭސިން ސަބްޓައިޓަލް އަރާނެ ގޮތަށް އިންތިޒާމްކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ އަންނަ މަހުން ފެށިގެން އެގޮތަށް އަމަލު ކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިޝާރާތުގެ ބަހުންވެ ސް ޚުޠުބާ ލައިވްކޮށް ގެނެސްދޭނެ ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އިޖުތިމާޢީ މިންގަނޑުތަކާއި އަހުލާގަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ ގައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެ ކަމަށް ވިދާޅު އެވެ.