ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް ވަގުތީ ގޮތުން ބަދަލެއް ގެނެސްފިއެވެ.
ޕީޖީ އޮފީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި، އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި އާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި ރެކޯޑް ސާފުކޮށްދެއެވެ. ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން، އެނިޒާމު މިވަގުތު މިއޮތީ ތޮއްޖެހިފައި ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދީފައިވެއެވެ. ޕީޖީން ބުނެފައިވަނީ އެކަމުގެ ސަބަބުން އެއޮފީހުން ފޯރުކޮށްދޭ އެހެން ހިދުމަތްތަކަށްވެސް އިއްޔެ ބުރޫއެރި ކަމަށެވެ.
ޕީޖީން މިފަދައިން ބުނެފައިވަނީ ފެނަކައިން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރިކޯޑް ސާފުކުރުމަށް ނިންމާ ހުށަހަޅާފައިވަނިކޮށެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ އެ އޮފީހުން އަހަރަކު ކުށުގެ ރެކޯޑު ސާފުކޮށްދެނީ ޖުމްލަ 13 ހާހެއްހައި ފޯމު ކަމަށެވެ. އެހެންނަމަވެސް އިއްޔެ އެކަނި އެއޮފީހުން 3930 ފޯމު ލިބުނު ކަމަށާއި އޭގެ ތެރެއިން 3419 ފޯމުގެ ރެކޯޑު ސާފުކޮށްދެވިފައިވާ ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ކަމަކަށް ނުވާތީ، މިދުވަސްކޮޅު ރެކޯޑު ސާފުކޮށްދިނުން ހިނގާނީ ރަސްމީ މަސައްކަތު ވަގުތަގައި އެކަނިކަމުގައި ހަމަޖައްސާފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ޕީޖީން ބުނެފައިވަނީ ކޮންމެ ދުވަހަކުވެސް ރަސްމީ ވަގުތު ނިމެންދެން އެދުވަހަކަށް ސާފުކޮށްދެވުނު ވަރަކަށް ކުށުގެ ރެކޯޑް ސާފުކޮށްދޭނެ ކަމަށެވެ. އަދި މިހާރު ހުރި ފޯމުތައް މަދުވުމުން، ކުރިންވެސް ހިދުމަތް ދެމުން ގެންދިޔަގޮތަށް ދުވަހުން ދުވަހަށް ފޯމުތައް ސާފުކޮށްދެމުން ގެންދާނެ ކަމަށެވެ.