އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ ސްޓެޗޫއެއް ނުވަތަ މޮނިއުމަންޓެއް މިއަދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި އާންމުކޮށްފި އެވެ.
އިނގިރޭސީންގެ އަޅުވެތިކަމުން 1947 ވަނަ އަހަރު މިނިވަކަން ލިބުނު އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާގެ ގާންދީ ސްޓެޗޫ ބަހައްޓާފައި ވަނީ ލަންޑަންގެ ޕާލަމަންޓް ސްކެއާގަ އެވެ.
ބްރޯންޒް ކުލައިން ހުރި ނުވަ ފޫޓްގެ މި ސްޓެޗޫ އާންމު ކުރަން ބޭއްވި ރަސްމިއްޔާތުގައި ސްޓެޗޫ އަންވެއިލްކޮށް ދެއްވީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޑޭވިޑް ކެމެރަން އެވެ. މި ރަސްމިއްޔާތުގައި ބޮލީވުޑްގެ ސްޕަސްޓާ އަމީތާބް ބައްޗަން ވެސް ބައިވެރިވި އެވެ.
ގާންދީގެ މި ސްޓެޗޫ އާންމުކޮށްފައި މި ވަނީ ސައުތު އެފްރިކާއިން އިންޑިއާ އަށް ގާންދީ ދަތުރު ކުރިތާ 100 ވަނަ އަހަރާ ދިމާކޮށެވެ. އޭގެ ފަހުން އޭނާ މުޅި ހަޔާތް ގުރުބާން ކުރެއްވީ އިންޑިއާ އަށް މިނިވަންކަން ހޯއްދަވައި ދެއްވުމުގެ މަސައްކަތުގަ އެވެ.
މިއަދު ލަންޑަނުގައި ދައްކާލި ގާންދީގެ ސްޓެޗޫ އަށް އެއް މިލިއަން ޕައުންޑް "ގާންދީ ސްޓެޗޫ މެމޯރިއަލް ޓްރަސްޓް" އިން ވަނީ ހަރަދުކޮށްފަ އެވެ.
އެ ފައިސާ އެއްކޮށްފައި ވަނީ ފަންޑް ރައިޒް ކުރަން ހިންގި އެކިއެކި ހަރަކާތްތަކުންނެވެ.
ސްޓެޗޫ އާންމުކޮށް ދެއްވުމަށް ފަހު ކެމެރަން އެ ސްޓެޗޫ ސިފަ ކުރެއްވީ "މެގްނިފިޝަންޓް ޓްރިބިއުޓެއް" ގެ ގޮތުގަ އެވެ.
އޭނާ ވިދާޅުވީ މިއީ ދުނިޔޭގެ ސިޔާސީ ތާރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތުގެ ސްޓެޗޫ ކަމަށެވެ. އެހެންވެ އެފަދަ ބޭފުޅެއްްގެ ސްޓެޗޫއެއް އިނގިރޭސިވިލާތުގެ ފަސްގަނޑުގައި ހުރުމަކީ އެ ގައުމަށް ވެސް ލިބޭ ޝަރަފެއް ކަމަށް ކެމަރަން ވިދާޅުވި އެވެ.