ރާއްޖޭގައި ހުުންނަވާ އިންޑިއާގެ ސަފީރު މުނު މަހާވަރުއާ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމާ ގުޅޭ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހައި ކޮމިޝަންގެ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމާއި ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މިނިސްޓަރާއި ސަފީރާ ދެމެދު ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
ޑިފެންސް މިނިސްޓަރާއި އިންޑިއާ ސަފީރު ބައްދަލުކުރައްވާފައި މި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.
އިންޑިއާ ސިފައިން ރާއްޖެ ފޮނުވައިލުމަކީ އާ ސަރުކާރުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ. އެހެންވެ އެކަން ކުރުމަށްޓަކައި ދެ ގައުމުގެ މެދުގައި މިހާރު މަތީ ފެންވަރުގެ ޓެކްނިކަލް ބައްދަލުވުންތަކެއް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވަރަށް އަވަސް މުއްދަތެއްތެ ތެރޭގައި އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދާނެކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
އިންޑިއާ އަކީ އަބަދު ވެސް ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ އެންމެ އަވައްޓެރި އެއް ގައުމެވެ.