ފަހި ދިރިއުޅުން ކޯޕަރޭޝަނުންވެސް ރަސްމީ ދަތުރު ޚަރަދުތައް އާންމު ކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި މިގޮތަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާއި އެއްގޮތަށެވެ. އެގޮތުން ދަތުރުތަށް ނިމޭތާން ގިނަވެގެން 15 ދުވަހުގެ ތެރޭގައި ބިލްތަކާއި އެކު އާންމު ކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
FDC will be following the precedence set by H.E President Dr.Mohamed Muizzu @MMuizzu in disclosing all the travel expenses along with the receipts within 15 days. https://t.co/7sZbQK4g1s
— Hamdhan Shakeel (@HamdhanShakeel) December 4, 2023
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް 15 ދުވަހުގެ ތެރޭގައި ގިނަވެގެން އާންމު ކުރައްވަން ނިންމަވާފައެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ އެއްވެސް ކަމެއް ފޮރުވަން ބޭނުން ނުވާތީ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދަތުރުފަތުރު ކުރުމުގައިވެސް ފަސްޓް ކްލާސް ޓިކެޓު ބޭނުންފުޅު ނުވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މި ސިޔާސަތަކީ އެމަނިކުފާނުގެ ކެމްޕެއިންތެރޭގައި ދެފުއް ފެންނަ ހުރިހާ ކަމެއްވެސް ހާމަ ކުރާ ސަރުކާރަކަށް ޤާއިމްކޮށްދެއްވާނެ ކަމަށްވި ވަޢުދުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. މީގެ ކުރިން ސަރުކާރުތަކަށް މި މައުލޫމާތު އާންމު ނުކުރާތީ ފާޑު ކިއުން ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން އާމާޒުވެފައެވެ.