ރާއްޖޭގެ ދެކުނުން ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ އަލުން ހޯދުމުގެ މަސައްކަތް ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުން، ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާޙިމް އެދިވަޑައިގެންފިއެވެ.
ގާސިމް މިގޮތަށް އެދިވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗާގޯސް މޮރީޝަސްއަށް ދިނުމާއި މެދު އިންގިރޭސި ސަރުކާރުގެ ވިސްނުން މިހާރު ބަދަލު ކޮށްފައިވާ ކަމަށް އިންގިރޭސި ނޫސްތަކުން ރިޕޯޓް ކުރަމުންދާ ކަމަށެވެ.
"މި ދަނޑިވަޅުގައި، އިޓްލޮސް ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދި ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަރިހުގައި ނުހަނު އިޙްތިރާމާއި އެކު ދަންނަވަމެވެ. " ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ރައީސްގެ ކެމްޕެއިން ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިމައްސަލަ އިސްތިއުނާފަށް ވައްދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ޚުދު އެމަނިކުފާނުގެ ކެމްޕެއިންތެރޭގައިވެސް ވަރަށް ބޮޑަށް ވަކަލާތުކުރެއްވި މައްސަލައެއްކަން ފާހަގަ ކުރެއްވިއެވެ.
"އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިމިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަންކުރަމުންއައި ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުޞަތު ބޮޑުވެފައިވާތީ، އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނޭކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. " ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ މިމަސައްކަތުގައި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ސަރުކާރަށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޗާގޯސް މައްސަލައިގެ އިސްތިއުނާފަށް ހުށަހެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދެކެވެ. އަދި މިކަން ސަރުކާރުގެ ހަފްތާ-14 މަގު ޗާޓުގައި ވަނީ ހިމަނާފައެވެ. ކުރީ ސަރުކާރުން މިމައްސަލާގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެއްވެސް ބައެއް ނުގެއްލޭ ކަމަށާއި، ދެކުނު ކަނޑުގެ ސަރަހައްދު ކުރިން ކަނޑައެޅިފައި ނެތީސް މިހާރު އީއީޒެޑް މިހާރު ކަނޑައެޅިގެން ދިޔައީ ކަމަށެވެ.
މިހާރު ސަރުކާރުގެ ތިބި ފަރާތްތަކުން އޭރު އިދިކޮޅުގައި ތިބެ ވަކާލާތު ކުރީ އޭރުގެ ރައީސްގެ ސިއްރު ސިޓީފުޅަކުން ދިވެހި ކަނޑު ވިއްކާލާފައިވާ ކަަމަށެވެ. އެ ސިޓީ ސަރުކާރުން އާންމު ނުކުރި ނަމަވެސް، އޭގެ ކޮޕީއެއް ލީކުވެފައިވާއިރު އެއީ ސައްޙަ އެއްޗެއްކަން އޭރުގެ ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.