ގދ. ތިނަދު އަށް ކުރީގެ ސަރުކާރުން ސިޓީއެއްގެ ދަރަޖަ ދީފައިވާތި އެކަން ކަށަވަރުކުރުމުގެ މައްސަލަ ރައްޔިތުންހެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެންމެ ދެކުނުން އަދި ހުވަދު އަތޮޅުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރެއްވި އިރު، ކުރެއްވި ކެމްޕޭންގެ ތެރޭގަ އެވެ. އެގޮތުން ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ގަރާރުގައި ރައީސް ސޮއިކުރެއްވީ އޮގަސްޓް 30 ގަ އެވެ.
އެ ގަރާރުގައި ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަން ޖެހޭ ޝަރުތުތައް ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ނިންމުން ބާތިލުކުރަން އުޅޭ ކަމަށް އަޑު އަރާފައި ވަނިކޮށް، ތިނަދޫގެ ސިޓީގެ ދަރަޖަ ކަށަވަރު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ތިނަދޫ ކައުންސިލްގެ މެންބަރުންނެވެ.
އެގޮތުން މަޖިލީހަށް ތިނަދޫ ސިޓީ ކައުންސިލުން ހުށަހެޅި މައްސަލައިގައި އިއްޔެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ވަނީ އެ ކައުންސިލުގެ މެންބަރުންނާ ބައްދަލު ވެސް ކޮށްފަ އެވެ.
އެ ކޮމިޓީގައި ތިނަދޫ ތިނަދޫ މޭޔަރު ސައުދު އަލީ ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުވި ނަމަވެސް ބައެއް އިދާރާތަކުން އެ ކައުންސިލާ މެދު އަމަލު ކުރަމުން ދަނީ 200 މީހުން ހަމަނުވާ ރަށެއްގެ ކައުންސިލާ މެދު އަމަލު ކުރާ ގޮތަށް ކަމަށެވެ.
"ސައިކޮލޮޖިކަލީ ބަލާ ކަމުގައިވަނީ ނަމަވެސް އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކެއް އެބަހުރި، އެއީ އެކި އިދާރާތަކުން އަޅުގަނޑުމެންނަށް ސިޓީ އެޑުރެސް ކުރަައްވަނީ އެކި ގޮތްގޮތަށް." އޭނަ ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުވުމާއެކު ގާނޫނު މާނަ ކުރުމުގައި ދިމާވެފައިވާ އުނދަގުލާ ހެދި އެއްވެސް ތަނަކަށް ފޮނުވާ ސިޓީއެއްގައި އަމިއްލަ ހައިސިއްޔަތު ވެސް ބަޔާން ނުކުރައްވާ ކަަމަށެވެ. އެހެންވެ ހިނގަމުންދާ ދައުރެއްގެ މެދުތެރެއިން ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަ، އިންތިހާބުވެފައި އެ އޮންނަ ކައުންސިލަކުން، ސިޓީ ކައުންސިލަކުން ފޯރުކޮށްދޭން ޖެހޭ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށް ދޭން ޖެހޭ ކަމަށާއި ސިޓީ ކައުންސިލެއްގެ ވެރިއެއްގެ ގޮތުގައި ހުންނަނީ ރައީސްއެއް ނޫންކަން ސައުދު ފާހަގަ ކުރެއްވި އެވެ.
"ތިނަދޫ ސިޓީއަކަށް ބަދަލުކޮށްފައި އޮތް އޮތުން ފުރިހަމަ މާނައިގައި ބަދަލު ކުރެވިގެން ދާނީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މަސްއޫލިއްޔަތާ އެއް ވަރަށް މަސްއޫލިއްޔަތު އަދާ ކުރަން ތިބި ފަރާތްތަކުގެ ވެސް ހައިސިއްޔަތު ބަދަލުވެގެން ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ." ސައުދު ވިދާޅުވި އެވެ.
ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
މިހާރު ރާއްޖޭގެ ސިޓީތަކަކީ މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދު އެވެ.