Last Updated: October 27, 21:48
Sunday, October 27, 2024
މުނިފޫހިފިލުވުން

އަޖޭ އާއި ތައްބޫގެ އާ ފިލްމަށް ތާރީހެއް

އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ ތަރިން ކަމަށްވާ އަޖޭ ދޭވްގަނާއި ތައްބޫގެ އާ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ފިލްމުގެ ޓައިޓްލް ޕޯސްޓަރާ އެކީ މިއަދު ބުނެފައި ވަނީ ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އެޕްރީލް 26 ގައި ކަމަށެވެ. "އޯރޯ މޭ ކަހާ ދަމް ތާ" ގެ ޑައިރެކްޓަރު ނީރަޖަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ވެނިޒްޑޭ" އާއި "ސްޕެޝަން 26" އާއި "ބޭބީ" އަދި "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "އައްޔާރީ" އެވެ.

މަޝްހޫރު ބަތަލާ ކާޖޮލްގެ ފިރިމީހާ، އަޖޭ އާއި ތައްބޫ ވަރަށް ތަފާތު ރޯލަކުން ފެންނާނެ ލޯބީގެ ވާހަކައެއް ކިޔައިދޭނެ "އޯރޯ މޭ ކަހާ ދަމް ތާ" ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު، މި ދެ ތަރިން އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ މާޗްގައި ރިލީޒްކުރި "ބޯލާ" އިންނެވެ.

ހުނަރުވެރި ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޑްރިޝަމް" ގެ ދެ ފިލްމާއި "ދޭ ދޭ ޕިޔާރު ދޭ" އާއި "ގޯލްމާލް އެގެއިން" އާއި "ތަކްޝަކް އާއި "ހަގީގަތު" އަދި "ވިޖޭޕަތު" ހިމެނެ އެވެ.