ކޮންޓްރެކްޓް އައު ނުކޮށްދެނީ އެ މުވައްޒަފުން ކުރާނެ އިތުރު މަސައްކަތެއް ނެތް މުވައްޒަފުންނަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އެކުންފުނިން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ، ދާއިމީ އެއްވެސް މުވައްޒަފެއް ކުންފުނިން ވަކި ކުރުމަށް، ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ނިންމާފައި ނުވާ ކަމަށެވެ. އެގޮތުން އެ ބަޔާނުގައި ފެނަކައިން ވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ މުވައްޒަފުންގެ އިދާރީ އޮނިގަނޑުން ބޭރުން ކުންފުންޏަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާކަމަށާއި، ނަމަވެސް އެ މުވައްޒަފުން ވަކިކުރަންވެސް ނިންމާފައި ނުވާ ކަމަށް ބުނެފައެވެ.
ފެނަކައިގެ ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިންވެސް ބައެއް މުވައްޒަފުންގެ ކޮންޓްރެކް އައު ކޮށް ނުދޭން އެކުންފުނިން ވަނީ ނިންމާފައެވެ. އެ މުވައްޒަފުންގެ ކޮންޓްރެކްޓް އައު ކޮށް ނުދޭން ނިންމާފައިވާއިރު، އައު ކޮށް ނުދޭ މުވައްޒަފުންނަކީ ކޮބާކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިގޮތުން ބައެއް ރަށްރަށުގެ އިންޖީނުގެ އަދި އޮފީސް އިމާރާތުގެ މަސައްކަތް ނިމިފައިވާއިރު، އެހެން ރަށްރަށުގެ މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ހުސްވެ ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތްކަން އެކުންފުނިން ފާހަގަ ކުރެއެވެ.
އެ މަޝްރޫޢުތަކަށް ކޮންޓްރެކްޓު އުސޫލުން ނަގާފައިވާ ވަގުތީ މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު ރިޔާސީ އިންތިހާބާއި ދިމާކޮށް އަދި އިންތިހާބުގެ ފަހުން 30 ނޮވެމްބަރު 2023 އަށް އިތުރު ކޮށްދީފައިވާކަން ފެނަކައިން ފާހަގަ ކުރެއެވެ.
މިއީ ފެނަކައިން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއި ޔަޤީންކަމާއެކު ދިނުމަށް ހުރަސް އެޅޭގޮތަށް ކޮށްފައިވާ ކަމަކަށްވާތީ، ކުންފުނީގެ މެނޭޖްމެންޓުން ދަނީ ކުންފުންޏާއި ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ އެންމެހައި ރައްޔިތުންގެ ހައްޤުތައް ފުރިހަމައަށް ހިމާޔަތް ކުރެވޭނެ މަގުން ކަންކަން އިންތިޒާމު ކުރުމުން މަސައްކަތް ކުރަމުން ކަމަށް ފެނަކައިން ބުނެއެވެ.
" މިގޮތުން މަސައްކަތް ނިމިފައިވާ މަޝްރޫޢުތަކަށް އަދި ފާއިތުވި 3 މަސް ދުވަހު އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާ މިވަތުތަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް މަޝްރޫޢުތަކަށް ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން ނަގައި، އައު ސަރުކާރަށާއި ކުންފުނީގެ އައު މެނޭޖެމަންޓަށް ބުރައަކަށް ވާ ގޮތަށް 30 ނޮވެމްބަރުގެ ނިޔަލަށް ކޮންޓްރެކްޓް މުއްދަތު ހަމަވާ ގޮތަށް ހަމަޖައްސާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓުތައް އައު ނުކުރުމަށް ވަނީ ނިންމާފައެވެ. " ފެނަކައިން ބުނެއެވެ.
ފެނަކަ ކޯޕަރޭޝަންގެ ބަޔާނުގައި އިތުރަށް ބުނީ، ކަމުގެ ހަޤީގަތް ހާމަ ކުރުމެއް ނެތި ކުންފުންޏާއި މެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެއްދުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލަން ގޮވާލާ ކަމަށެވެ. ފެނަކައިން ބުނީ މިފަދަ ކަންކަމާއި ކެރިގެން ކުރިމަތިލައި ދެފުއް ފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުންފުނި ވެއްޓިފައި އޮތް މާލީ އަދި އިދާރީ އަނދަވަޅު ސަލާމަތް ކުރުމަށް ރައީސްގެ އިރުޝާދުގެ ދަށުން ނަތީޖާ ނެރެދޭނެނެ ކަމަށެވެ.