އެމްޑީޕީގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްެގެ ކުށް ބޭއިންސާފުން ސާތިބުކޮށް އެމަނިކުފާން 13 އަހަރަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ރައްޔިތުން މަދަނީ ބަސް ނޭހުމަކަށް ދާން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
އެމްޑީގެ ގައުމީ މަޖިލީހުގައި ރޭ ވާހަކަ ދައްކަވަމުން ރޮޒޭ ވިދާޅުވީ ކުދިން ސްކޫލަށް ފޮނުވުން ހުއްޓާލައި، ވަޒީފާއަށް ނުކުތުން ވެސް ހުއްޓާލުމަށް ގޮވައިލާ ކަމަށެވެ.
އަދި ޕީޕިއެމާއި އެ ޕާޓީ އަށް ތާއީދު ކުރާ ފަރާތްތަކުގެ ވިޔަފާރިތައް ވެސް ބޮއިކޮޓް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޤައުމުގެ ކަންކަން ހަމައަކަށް އެޅުވުމަށް މަދަނީ ބަސްނޭހުމަކަށް ދާން ޖެހޭ ކަމަށެވެ.
"ސިވިލް ޑިސްއޮބެޑިއަން އަށް ދާން އެބަޖެހޭ. ކުދިން ސްކޫލަށް ފޮނުވުން ހުއްޓާލަންވީ. މަސައްކަތްތައް ނިކުތުން ވެސް ހުއްޓާލަންވީ. ޕީޕީއެމްގެ ހުރިހާ ވިޔަފާރިއެއް ބޮއިކޮޓް ކުރުމަށް ގޮވާލަން،" ރޮޒޭ ވިދާޅުވި އެވެ.
ރޮޒޭ އަދި ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހުކުމްކޮށް އެ މަނިކުފާނުގެ ތާއީދު ކުޑަކުރެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް، މިކަމުގެ ސަބަބުން އެމަނިކުފާނުގެ ތާއީދާއި ލޯބި ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ކަމަށެވެ.
"މި ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް އަޅުގަނޑު ތާއީދު ކުރަނީ ރައީސް ނަޝީދަށް އެކަނި،" ކުރިން ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި ރޮޒޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން މިހާރު ފެންނަމުން ދަނީ އަނިޔާވެރިކަމާއި ޖެއްސުން ކުރުމާއި ހަސަދަލައިގެން އުޅޭ މިންވަރު ކަމަށެވެ.
"ނާޒިމް (ކުރީގެ ޑިފެންސް މިނިސްޓަރު) ހައްޔަރު ކުރި ދުވަހުވެސް ރައީސް ނަޝީދުގެ ފަރާތުން ފެނިގެން ދިޔައީ ނަޒިމަށް އިންސާފު ހޯދުމަށް މަސައްކަތް ކުރެއްވި މަންޒަރު،" ރޮޒޭ ވިދާޅުވިއެވެ.