ސޫރަޖް ބަރްޖަތިއާއަކީ އާންމުކޮށް އޭނާގެ ފިލްމްތަކުގެ ޓައިޓްލްތަކާ އެއްްގޮތަށް ފިލްމުގެ ދިގުމިން އާދަޔާހިލާފަށް ދިގު ކުރާ ކަމަށް މަޝްހޫރު ޑައިރެކްޓަރެކެވެ.
އޭނާގެ ފިލްމްތަކަކީ އާންމުކޮށް ތިން ގަޑި އިރަށް ވުރެ ވެސް ދިގު ފިލްމްތަކެވެ. އެއީ އޭނާގެ ފުރަތަމަ ފިލްމް "މޭނާ ޕިޔާރު ކިޔާ" އިން ފެށިގެން ގޮސް އެންމެ ފަހުން ގެނެސް ދިން "ވިވާހް" ކަމަށް ވިޔަސްވެހެ އެވެ.
އެކަމަކު މި ފަހަރު ތަފާތު ވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ޔަގީންވާ އެއް ކަމަކީ މި ފަހަރުގެ ފިލްމްގެ ނަން ވެސް ވަރަށް ދިގު ކަމެވެ. އެއީ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސޫރަޖްގެ ކުރީގެ ފިލްމްތަކާ ހިލާފަށް އާ ފިލްމުގެ ދިގުމިން ވީހާ ވެސް ބޮޑަށް ކުރު ކުރަން އެ ފިލްމުގެ ލިޑް އެކްޓަރު ސަލްމާން ހާން ވަނީ ސޫރަޖްގެ ކިބައިން އެދިފަ އެވެ.
އަދި އެކަން އެގޮތަށްވޭތޯ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ސޫރަޖް ވަނީ ސަލްމާނަށް ދީފައި ކަމަށްވެ އެވެ.
ސަލްމާނާއި ސޫރަޖް އެންމެ ފަހުން އެކުގައި މަސައްކަތް ކުރީ 1999 ގެ ފިލްމް "ހަމް ސާތުސާތު ހޭ" ގަ އެވެ. އެ ފިލްމަށް ފަހު "ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ އެ ދެ މީހުން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.
މި ފިލްމުގައި ސަލްމާން ޑަބަލް ރޯލަކުން ފެނިގެންދާ އިރު، ބަތަލާއަކީ ސޯނަމް ކަޕޫރުވެ.
މީގެ އިތުރުން ނީލް ނިތިން މުކޭޝް، އަރްމާން ކޯލީ، އަނޫޕަމް ކޭރު ސްވަރާ ބާސްކަރު ފަދަ ތަރިން މި ފަހަރުގެ ފިލްމުން ފެނިގެން ދާނެ އެވެ.
މި އަހަރުގެ ދިވާލީގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ ޝޫޓިން އަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.
މި ފިލްމަކީ ވެސް ސޫރަޖްގެ އެހެން ފިލްމުތަކާ އެއްގޮތަށް އާއިލީ ހާދިސާތަކެއް ދައްކުވައި ދޭނެ ވަރަށް ހިތްގައިމު ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.
އޭނާގެ ފިލްމްތަކަކީ އާންމުކޮށް އިންޑިއާގެ އާދަކާދަތަކާއި ސަގާފަތާއި އާއިލީ ގުޅުން ވަަރަށް ހިތްގައިމުކޮށް ގެނެސްދޭ ލޯބީގެ ފިލްމްތަކެކެވެ. އަދި ގިނަ އަދަދަކަށް ލަވަތައް ވެސް އޭނާގެ ފިލްމުތަކުގައި ހިމެނެ އެވެ.
ހަގީގަތުގައި އޭނާގެ ފިލްމްތައް ދިގުވާ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. އެކަމަކު ބެލުންތެރިން ސޫރަޖް ފިލްމްތައް ގެނެސް ދީފައި ހުންނަ ގޮތުން ފޫހިވެގެން އުޅޭކަށް ނުޖެހެ އެވެ.
"ޕްރޭމް ރަތަން ދަން ޕާޔޯ" އަކީ 2006 ވަނަ އަހަރު ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯ ލީޑް ރޯލުން ފެނިގެން ދިޔަ "ވިވާހް" އަށް ފަހު، ސޫރަޖް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.